ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި ނަމަވެސް އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމަށް ގާނޫނު އެނގިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު މިފަދައިން ވިދާޅުވީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ނިންމަން ޖެހޭނެ ކަމަށާއި، އެނޫން ގޮތަކަށް އަމަލު ކޮށްފިނަމަ، މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭނެކަމަށް އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން މުހައްމަދު ފާހަގަކުރެއްވިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަގާމުގައި ދެމިހުރިހާ ހިނދަކު އެމަނިކުފާނަށް ގާނޫނުން ލާޒިމްކޮށްފައިވާ ވާޖިބުތައް، މަޖިލިސް ކުޑަދަށުގައި ހަދާ ގަވާއިދަކުން ވިޔަސް އެނޫން އެއްޗަކުން ވިޔަސް ނިގުޅައެއް ނުގަނެވޭނެއެވެ.
”ޑރ.މުއިއްޒުގެ ކެބިނެޓަށްވެސް ބިރެއް ނުދެއްކޭނެ. މެޖޯރިޓީ އޮތަސް ވަރިހަމަ. ތަންދޮރު ނޭނގެންޏާ އަހަރެމެން މި ތިބީ އޮޅުންފިލުވައިދޭން.“ މުހައްމަދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނުނިމި އޮތުމަކީ 17 ނޮވެމްބަރ 2023 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިހާބުކުރެވިފައިވާ އިންތިހާބީ ރައީސް މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖލީހުގެ ޖަލްސާ، ގާނޫނުއަސާސީއާއި ގާނޫނީ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ވިދާޅުވެފައެވެ.