ޝެއިހް އަލީ ޒައިދު އާއި ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފް އުފައްދަވަނީ ފިތުނަ ކަމަށާއި، އެ ދެބޭފުޅުން ކިޔަވާ ވިދާޅުވި ފޮތްތައް ހޯދަން ޖެހޭ ކަމުގައި އިދިކޮޅު ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން ގެނެސްދެމުންދިޔަ ”ކަނޑުފޭރޭ ޗޯރު“ ލަވަޔަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަމާޒުވާގޮތަށް ދައްކާ ލަވައެއް ކަމަށާއި، އެގޮތަށް ދޭހަވާކަމަށް ބްރޯޑްކޮމް އިން ނިންމައި، އެ ސްޓޭޝަނަށް އިންޒާރުދިން މައްސަލަ ފެންމަތިވެފައި ވަނިކޮށް، ޝެއިހް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗެނަލް 13 އިން ދެއްކި ލަވަ އޭނާވެސް އަޑު އައްސަވައިފި ކަމުގައެވެ. އަދި އެލަވަ އަޑުއިވުމުން ސިފަވީ އެލަވަ ލިޔެ ތައްޔާރުކުރުމުގެ ފަހަތުގައި އޮތް ވަކަރުގޭ އަހުލާގާއި ސުލޫކު ކަމަށް ޒައިދު ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން ޒައިދުގެ ޓުވީޓު ކޯޓުކުރުމަށްފަހު މުހައްމަދު ވިދާޅުވީ ދީނީ އިލްމްވެރިން ގޮތުގައި ތިބެގެން ހުސް ބުހުތާނު ދޮގުހެދުމާ މީސްތަކުންގެ މެދުގައި ވަކި މީހަކާމެދު ނަފްރަތު އުފެއްދުން ނޫން ކަމެއް ޒައިދު ނުކުރައްވާކަމުގައެވެ.
”އަލީ ޒައިދް އާއި ޑޮކްޓަރ އިޔާޒް ދީނީ އިލްމު އުނގެނުނު ފޮތްތައް ހޯދަންޖެހޭ.“ މުހައްމަދު ވިދާޅުވިއެވެ.
މުހައްމަދުގެ އިތުރުންވެސް ޒައިދުގެ މި ޓުވީޓަށް ތައުރީފް ކުރުމުގެ ބަދަލުގައި ގިނަ ބަޔަކު ވަނީ އޭނާއަށް މަލާމާތް ކޮށްފައެވެ.
މި މީހުން މިއުޅެނީ ކޮންކަމެށް ހާސިލްކުރަން . ދީނީއިލްމްވެރިން ގޮތުގަތިބެގެން ހުސް ބުހުތާނުދޮގުހެދުމާ މީސްތަކުންމެދުގަ ވަކި މީހަކާމެދު ނަފްރަތުއުފެއްދުން ނޫންކަމެއްނުކުރޭ ! އަލީ ޒައިދް އާއި ޑޮކްޓަރ އިޔާޒް ދީނީއިލްމު އުނގެނުނު ފޮތްތައް ހޯދަންޖެހޭ https://t.co/LfPjCqPXnu
— Mohamed Ismail (@MPMohdIsmail) June 5, 2023
ޝެއިހް ޒައިދު އާއި އިޔާޒާއި ދެބޭފުޅުންނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، ސަނާ ވިދާޅުވާ ދެބޭފުޅުންނެވެ.