ޚަބަރު

ޝެއިޚް އަލީ ޒައިދުވެސް ޗެނަލް-13 ގެ ”ޗޯރު އިބުރޭ“ ލަވަ ބަލައިފި

 

ރައީސް އިބްރާހިމްއަށް ތާއީދު ކުރައްވާ ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދުވެސް ޗެނަލް-13 އިން ދައްކާ ”ޗޯރު އިބުރޭ“ ލަވަތައް ބަލައިފިއެވެ.

އެ ލަވަތައް ބެއްލެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި އަލީ ޒައިދު ވިދާޅުވީ ޗެނަލް-13 އިން ފަތުރާ ”އެބުނާ ލަވައެއް“ މިއަދު އިވިއްޖެ ކަމަށާާއި، ލަވަ އަޑު އެހުމަށްފަހު އެ ލަވަ އޭނާއަށް ސިފަކުރެވުނުގޮތް ވެސް ވަނީ ހާމަކުރައްވާފައެވެ.

އަލީ ޒައިދު ވިދާޅުީ އޭނާއަށް އެލަވަ ސިފަކުރެވުނީ ލަވަ ލިޔެ ތައްޔާރުކުރުމުގެ ފަހަތުގައި އޮތް ވަކަރުގޭ އަޚްލާގާއި ސުލޫކް ކަމަށެވެ. އަދި އެފަދަ ވިޔާނުދާ އެއްޗެތި ޒިންމާދާރު ތަންތަނުން ފެތުރުމަކީ ވަރަށް ލަތުވެތި އިސްލާމްދީނާވެސް ޚިލާފުކަމެއް ކަމަށް އަލީ ޒައިދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

އަލީ ޒައިދު މިފަދައިން ޓްވީޓް ކުރެއްވުމުން އާންމު ފަރާތްތަކުން ބުނަމުންދަނީ ލަވަޔާއި މިއުޒިކް އަޑު އެހުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަމަށާއި، އަދި އަލީ ޒައިދު ފަދަ ދީނީ ޢިލްމުވެރިޔަކު ލަވަ އަޑު އެހީ ކޮން މަޤްޞަދެއްގައިތޯ އާންމުން ވަނީ ސުވާލު އުފައްދާފައެވެ.

އަލީ ޒައިދުގެ އިތުރުން އައްޑޫ ސިޓީީގެ މޭޔަރު ނިޒާރުވެސް ވަނީ އެ ލަވަތައް ޕްރޮމޯޓް ކުރައްވާފައެވެ. އެގޮތުން ރައީސް އިބްރާހިމް އައްޑޫ ސިޓީއަށް ވެލެއްވި ވަޢުދުތައް ނުފުއްދަވާ އައްޑޫއަށް ގެނެސްދިން ތަރައްޤީ ފާހަގަ ކުރުމަށް ރޭ އައްޑޫގައި ބޭއްވި ހަވާ އެރުވުމުގެ ޙަރަކާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރުގެ ވިދާޅުވީ އޭނާގެ ގޭގައި އޭނާއަށް ނޭނގި ޗެނަލް-13 ބަލަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަށް ނިސްބަތްކޮށް ޗެނަލް-13 އިން ފޮނުވާ ”ޗޯރު އިބުރޭ“ ލަވަ ޗެނަލް-13 އިން ބެލި ކަމަށެވެ. އަދި އޭނާ ޗެނަލް-13 ނުބަލާ ކަމަށާއި އެހެންނަމަވެސް އިއްޔެ ރޭ ގޭގައި ޗެނަލް-13 އަޅުވާފައި ހުއްޓާ ”ހަޑިހުތުރު ބަސްތައް އެކުލެވޭ ލަވަ އެއް އަޑުއިވުނު“ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ އޭނާގެ ގޭގައި ޗެނަލް-13 އަޅުވާފައި ހުރީ ކިހިނެއްކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް އިބްރާހިމް އަކީ ”ކަނޑު ފޭރޭ ޗޯރު“ ކަމަށް ދޭހަވާ ކަމަށްބުނާ ކޮންޓެންޓް ޗެނަލް-13 އިން ދެއްކުން މޯލްޑިވްސް ބްރޯޑް ކާސްޓިންގް ކޮމިޝަނުން ދާދިފަހުންވަނީ ހުއްޓުވާފައެވެ. އެ ކޮމިޝަނުން ޗެނަލް-13 އަށް އެންގި އެންގުމުގައިވަނީ 22 މެއި 2023 ވަނަ ދުވަހުގެ ރޭ ޗެނަލް-13 އިން ބްރޮޑްކާސްޓް ކުރި 3 ލަވައެއްގައި ހިމެނޭ ކޮންޓެންޓް އެއްގައި އެ ކޮމިޝަންގެ ކޯޑް އޮފް ޕްރެކްޓިސް އާއި ޚިލާފްވެފައިވާ ކަމަށެވެ.

އެ 3 ލަވަ އަކީ ”ކަނޑުފޭރޭ ޗޯރު“ ”ފެލާލައިފި“ އަދި ”ލުޓޭރު އިބުރޭ“ ގެ ނަމުގައި ހަދާ ބްރޯޑްކާސްޓް ކޮށްފައިވާ 3 ލަވަ ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފައިވެއެވެ.

ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް އަކީ ”ޗޯރެއް“ ނުވަތަ ”ވަގެއްގެ“ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވުމުން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button