ޚަބަރު

ރައީސް ސޯލިހަކީ ”ކަނޑު ފޭރޭ ޗޯރު“ ކަމަށް ދޭހަވާ ކަމަށް ބުނާ ކޮންޓެންޓު ދެއްކުން ހުއްޓުވައިފި

ރައީސް އިބްރާހިމް އަކީ ”ކަނޑު ފޭރޭ ޗޯރު“ ކަމަށް ދޭހަވާ ކޮންޓެންޓް ދެއްކުން މޯލްޑިވްސް ބްރޯޑް ކާސްޓިންގް ކޮމިޝަނުން ހުއްޓުވައިފިއެވެ.

އެ ކޮމިޝަނުން ޗެނަލް 13 އަށް އެންގި އެންގުމުގައިވަނީ 22 މެއި 2023 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ބްރޮޑްކާސްޓް ކުރި 3 ލަވައެއްގައި ހިމެނޭ ކޮންޓެންޓް އެއްގައި އެ ކޮމިޝަންގެ ކޯޑް އޮފް ޕްރެކްޓިސް އާއި ޚިލާފްވެފައިވާ ކަމަށެވެ.

އެ 3 ލަވަ އަކީ ”ކަނޑުފޭރޭ ޗޯރު“ ”ފެލާލައިފި“ އަދި ”ލުޓޭރު އިބުރޭ“ ގެ ނަމުގައި ހަދާ ބްރޯޑްކާސްޓް ކޮށްފައިވާ 3 ލަވަ ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފައިވެއެވެ.

އެގޮތުން މުޖްތަމަޢުގެ އަދަބު އަޚުލާޤުގެ މިންގަނޑުތަކާއި، އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތްތަކާއި، މީހެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް ނުވަތަ ނިކަމެތިކަމެއް ލިބިދާނެފަދަ ބަސްމަގާއި، މަންޒަރާއި، އަޑު ބްރޯޑްކާސްޓް ކުރުމާއި، އަދި ޚަބަރާއި، ކަރަންޓް އެފެއަރސް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަވުމެއްނެތި ހަމަހަމަކަމާއިއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް އިސްކަންދިނުމާއި ޚިލާފަށް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބްރޯޑްކޮމް އިން ވަނީ ޗެނަލް 13 އަށް އަންގާފައެވެ.

މި މައްސަލައާއި ގުޅިގެން ބްރޯޑްކޮމް އިން ވަނީ 12 ޖޫން 2023 ވާ ހޯމަ ދުވަހުުގެ 14:00 ގެ ކުރިން ލިޔުމުން ޖަވާބުދާރީ ވުމަށް ޗެނަލް 13 އަށް އަންގާފައެވެ. އަދި އެ ފުރުޞަތުގައި ޖަވާބުދާރީ ވުމަށް އުޒުރުވެރިވާނަމަ ސަބަބު ބަޔާންކޮށް މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އޮތްކަމަށާއި، އެހެންނަމަވެސް އެ ފުރުޞަތުގައިވެސް ޖަވާބު ނުދެވިއްޖެނަމަ ބްރޯޑްކާސްޓިންގް ކޮމިޝަނަށް ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ނިންމާނެ ކަމުގެ އިންޒާރުވެސް ޗެނަލް 13 އަށް ވަނީ ދީފައެވެ.

މީގެ ކުރިން ”މަޑިސީލަ“ގެ ނަމުގައި ޗެނަލް 13 އިން ގެނެސްދިން ޓޯލްކްޝޯގެ މައްސަލަ ބްރޯޑްކޮމްއިން ބަލައި އެ ޝޯ ގެނައުން މަނާކުރުމާ ގުޅިގެން ޗެނަލް13 އިންވަނީ އެ ޝޯ އަލުން ބްރޭންޑުކޮށް ހަޖަމްގެ ނަމުގައި ފަށާފައެވެ. މީގެ އިތުރުން ޗެނަލް 13 ގެ ލައިވް ޝޯ އަކަށް ގުޅާ ރައީސް އިބްރާހިމާއި ގުޅޭގޮތުން ދައްކަން ނުޖެހޭ ވާހަކައެއް ދެއްކި މައްސަލައިގައިވެސް ޗެނަލް 13 އަށް އިންޒާރުދީ ފިޔަވަޅުއަޅާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button