ޚަބަރުސިޔާސީ

ޕީޕީއެމްގެ 8 މީހުން ކާފިއު ބަންދުގައި ބޭތިއްބުމަށް ނިންމި ނިންމުން ހައި ކޯޓުން ބާތިލް ކޮށްފި

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި ކޮންމެ ރެއަކު މާލޭ މަގުމަތީގައި ޕީޕީއެމުން ސިލްސިލާކޮށް ކުރަމުން އައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 8 މީހަކު ޝަރުތުތަކާ އެކު ދޫކޮށްލިއިރު، ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

އެ 8 މީހުންނަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލޭގެ އެކި ސަރަހައްދަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށް ހުރަސްއަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތުކޮށް، އެ ރޭ ހައްޔަރުކުރި 8 މީހުންނެވެ. އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށް އެދި ފުލުހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މީހުން ޝަރުތުތަކެއް ކޮށް ބަންދުން ދޫކޮށްލުމަށެވެ.

އެމީހުންގެ މައްޗަށް ކޯޓުން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ފުލުހުންގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމާއި މާލެއިން ފުރައިގެންދާ ނަމަ، ލިޔުމުން ފުލުހުންގެ ހުއްދަ ހޯދައިގެން ނޫނީ ނުދިއުމަށާއި، އުޅޭ އެޑްރެސް ނުވަތަ ގުޅޭނެ ނަންބަރު ބަދަލުވެއްޖެ ނަމަ ފުލުުހުންނަށް އެކަން އެންގުމަށާއި، ރޭގަނޑު 9 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި ނޫޅުން ހިމެނޭއިރު، އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ޝަރުތުކޮށްފައި ވަނީ ރޭގަނޑު 8 އިން ހެނދުނު 6 އަށް ބޭރުގައި ނޫޅުމަށެވެ.

ކްރިމިނަލް ކޯޓުގެ މި އަމުރާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އެ 8 މީހުންގެ ފަރާތުން ވަނީ އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި ނުކުތާތަކަކީ ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާ ކަމަށް އަމުރުތަކުގައި ކަނޑައަޅާފައި ވާއިރު، އެ އަމުރުގައި ބަންދުން ދޫކޮށްލުމުގައި ޝަރުތު ކަނޑައަޅާފައި އޮތުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

މި 8 މީހުންގެ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފައިވަނީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައެޅުމަށްފަހުގައެވެ. ހައި ކޯޓުގެ ހުކުމުގައި ބުނީ ތުހުމަތުކުރެވޭ ފަރާތްތައް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އެދުނަސް، ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުތުތަކާ އެކު ދޫކޮށްލުމަށް ކަމަށެވެ. އެ ގޮތަށް ފަނޑިޔާރު ނިންމެވީ، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އާއި ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ބުނެދެވިފައި ނުވާތީ ކަމަށް ހައި ކޯޓުން ވަނީ ނިންމައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button