
އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރުގެ ގޭގައި އޭނާއަށް ނޭނގި ޗެނަލް-13 ބަލަމުންދާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ނިޒާރު މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް އައްޑޫ ސިޓީއަށް ވެލެއްވި ވަޢުދުތައް ނުފުއްދަވާ އައްޑޫއަށް ގެނެސްދިން ތަރައްޤީ ފާހަގަ ކުރުމަށް މިރޭ އައްޑޫގައި ބޭއްވި ހަވާ އެރުވުމުގެ ޙަރަކާތުގެ ކުރިން ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަށް ނިސްބަތްކޮށް ޗެނަލް-13 އިން ފޮނުވާ ”ޗޯރު އިބުރޭ“ ލަވަ ޗެނަލް-13 އިން ބެލި ކަމަށެވެ. އަދި އޭނާ ޗެނަލް-13 ނުބަލާ ކަމަށާއި އެހެންނަމަވެސް އިއްޔެ ރޭ ގޭގައި ޗެނަލް-13 އަޅުވާފައި ހުއްޓާ ”ހަޑިހުތުރު ބަސްތައް އެކުލެވޭ ލަވަ އެއް އަޑުއިވުނު“ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ އޭނާގެ ގޭގައި ޗެނަލް-13 އަޅުވާފައި ހުރީ ކިހިނެއްކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް އިބްރާހިމް އަކީ ”ކަނޑު ފޭރޭ ޗޯރު“ ކަމަށް ދޭހަވާ ކަމަށްބުނާ ކޮންޓެންޓް ޗެނަލް-13 އިން ދެއްކުން މޯލްޑިވްސް ބްރޯޑް ކާސްޓިންގް ކޮމިޝަނުން ދާދިފަހުންވަނީ ހުއްޓުވާފައެވެ.
އެ ކޮމިޝަނުން ޗެނަލް-13 އަށް އެންގި އެންގުމުގައިވަނީ 22 މެއި 2023 ވަނަ ދުވަހުގެ ރޭ ޗެނަލް-13 އިން ބްރޮޑްކާސްޓް ކުރި 3 ލަވައެއްގައި ހިމެނޭ ކޮންޓެންޓް އެއްގައި އެ ކޮމިޝަންގެ ކޯޑް އޮފް ޕްރެކްޓިސް އާއި ޚިލާފްވެފައިވާ ކަމަށެވެ.
އެ 3 ލަވަ އަކީ ”ކަނޑުފޭރޭ ޗޯރު“ ”ފެލާލައިފި“ އަދި ”ލުޓޭރު އިބުރޭ“ ގެ ނަމުގައި ހަދާ ބްރޯޑްކާސްޓް ކޮށްފައިވާ 3 ލަވަ ކަމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފައިވެއެވެ.
ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް އަކީ ”ޗޯރެއް“ ނުވަތަ ”ވަގެއްގެ“ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވުމުން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.