ޚަބަރު

ބޮޑު ޚިޔާނާތުގެ މުގުލުގައިތިބި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަންޖެހެނީ ރައްޔިތުންގެ ޙައްޤުގައި: ދަޢުލަތް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ސާބިތުވެ ގޭގައިތިބެ ޖަލު ޙުކުމް ތަންފީޒު ކުރަމުންގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ދާ ރައްޔިތުންގެ ޙައްޤުގައި ނަގަން ޖެހޭކަމަށް ދަޢުލަތުން ބުނެފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކާއި ގުޅޭ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ އެ މުޢާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާތައް ސާބިތުކޮށްދިނުމަށް، ދަޢުލަތުގެ ފަރާތުން ޝަފަވީ ހެކީގެ ގޮތުގައި ހުށައަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައި ނުގަތުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅި ނުކުތާއަށް ވާހަކަދެއްކުމެވެ.

ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ހުށައަޅާފަ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދައިން ހުށައެޅީ އަދީބަކީ ރައީސް ޔާމީންގެ ޢަދާވާތްތެރިއަކަށް ވާތީއާއި އަދީބުގެ ޢަދުލުވެރިކަން ގެއްލިފައިވާތީ އެވެ. އެކަން ސާބިތު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މައިގަނޑު ތިން ނުކުތާއަށް އަލި އަޅުވާ ލައްވާފައެވެ. އެއީ

1. ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ތުހުމަތު އަދީބަށް ކުރެވުން.

2. އަދީބު ނައިބު ރައީސްކަން ކުރެއްވި ދުވަސްވަރު ރައީސް ޔާމީން ވެރިކަމުން އަޒުލުކުރައްވާ ވެރިކަމަށް އަންނަން މަސައްކަތް ކުރުން.

3. އެމްއެމްޕީއާރްސީތެރޭގައި ހިންގި ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލު ޙުކުމް ތަންފީޒުކުރާ މީހަކަށްވުން.

މިކަންކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އަދީބާއި ޒިޔަތަކީ ޔާމީންގެ އަދާވާތްތެރިންނަށްވީ ނަމަވެސް، ހެއްކާ ބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ހާލަތެއްގައި އެމީހުންގެ ހެކިބަސް ނެގިދާނެ ކަމަށެވެ.

އަދި އަދީބާއި ޒިޔަތުގެ ހެކިބަސް ނޫނީ ރައީސް ޔާމިނުގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށައެޅޭނެ އިތުރު ކާފީ ހެއްކެއް ވެސް ނެތްކަމަށާއި، ހެކިބަސް ނަގާ މަރުހަލާގައި ހެކި ވަޒަންކޮށް، ބުރަދަން ދިނުމުގެ ފުރުސަތު އޮތުމުން މިހާލަތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

ޢަދާވާތްތެރިކަމާ ގުޅޭގޮތުން ދަޢުލަތުން ބުނީ އަދީބު ރައީސް ޔާމިނުގެ ފުރާނަފުޅު ދުއްވާލުމަށް ބޮމުގެ ހަމާލާއެއް ދިނުމުގައި ބައިވެރިވިކަން ސާބިތުވާކަމަށް ކަނޑައަޅާ އިއްވި ޙުކުމް މަތީ ކޯޓުން ބާތިލުކޮށްފައިވާ ކަމަށެވެ.

މިހާރު ރައީސް ޔާމިނު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ކަމަށް ނުވެފައި، އަދީބު ވެސް ހުންނެވީ ނައިބު ރައީސްގެ މަގާމުގައިކަމަށް ނުވުމުން، ވެރިކަން ހޯދުމަށް އަދީބުގެ ހިތުގައި ކުރިން އޮތް ޝައުގުވެރިކަން މިހާރު ނޯންނާނެ ކަމަށާއި، އަދި އެކަމަށްޓަކައި ޢަދާވާތްތެރިކަމެއް އޮންނާނެ ފަދަ ހާލަތެއް ވެސް މިހާރު ނެތްކަމަށް ދަޢުލަތުން ބުނެފައިވެއެވެ.

ދަޢުލަތުން އިތުރަށް ވިދާޅުވީ އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ބައިވެރިވެ، އެކަން އެންމެ ގާތުން ދުށް ދެމީހުން ކަމަށްވާއިރު، އެ މައްސަލައިގެ ތެރެއިން ކުރިއަށްދާ އެހެން މައްސަލަތަކުގައި އެދެމީހުންގެ ހެކިބަސް ނުނެގޭނަމަ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް ދަޢުވާ ކޮށްފައިވާ އެ މައްސަލަ އަކީ ހަމައެކަނި އެމަނިކުފާނާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށާ، އެއީ ދަޢުލަތުގެ އެތައް މިލިއަން ރުފިޔާއަކުން ޚިޔާނާތްތެރިވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ދަޢުލަތުގެ ފައިސާއަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤެއް ކަމަށްވާތީ ރައްޔިތުންގެ ޙައްޤުގައިވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަންޖެހޭނެ ކަމަށް ދަޢުލަތުން ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމް ބަލައިގެންފައި ވަނީ ހެއްކާ ބެހޭ ޤާނޫނުގެ ދަށުން މިއަދު ހުށަހެޅި ދެ ހުށަހެޅުމެވެ. އެކަމަކު އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޙުކުމް އިއްވާއިރު ކަމަށް ޤާޟީ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މި މައްސަލާގައިވެސް އަދީބާއި ޒިޔަތުގެ ހެކިބަސް ނަގާނެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ޓެރަރިޒަމް ކުށުގެ މައްސަލަތައް ހިމެނޭހެން 2019 އާއި 2020ގައި އަދީބާ ދެކޮޅަށް 15 މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލުކުރި އިރު، އަށް މައްސަލައެއް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އޮތީ އަދީބުގެ މައްޗަށް އިއްވައިފަ އެވެ. އަދީބާއި ޒިޔަތުއަށް ޖަލު ޙުކުމް އިއްވިނަމަވެސް ރައީސް އިބްރާހިމްގެ ސަރުކާރުން އެ ދެމީހުން ގެއަށް ބަދަލުކޮށް ޙުކުމް ތަންފީޒު ކުރަމުންދަނީ އާއިލާއާއިއެކު ގޭގައިތިބެގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button