ޚަބަރު

ރައީސް ޔާމީން ދަޢުލަތުގެ ވަކީލުންނާ ދިމާކުރެއްވި ކަމަށްބުނެ މިހާރު ނޫހުން ފެތުރީ ދޮގުޚަބަރެއް!

ވ. އާރަށް ކުއްޔަށް ދިނުމާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީންގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާތަކާއި ގުޅިގެން ހައިކޯޓުގައި އެ މައްސަލަ އިސްތިޢުނާފު ކުރުމަށް މިއަދު ބޭއްވި އަޑު އެހުމުގެތެރެއިން ބަންގި އަށް މެދު ކަނޑާލި ވަގުތު ރައީސް ޔާމީން ދަޢުލަތުގެ ވަކީލުންނާ ދިމާކޮށްލެއްވިކަމަށް ބުނެ މިހާރު ނޫހުން ޝާއިއުކޮށްފައިވަނީ ދޮގު ޚަބަރެއްކަން ޕީޖީއިން ހާމަކޮށްފިއެވެ.

މިހާރު ނޫހުން ޝާއިއުކުރި ޚަބަރުގައި ބުނީ ހައި ކޯޓުގައި މެންދުރު ފަހު 2:00 ގައި ފެށި ޝަރީއަތް އަސްރު ނަމާދު ވަގުތަށް މެދުކަނޑާލި ވަގުތު ޔާމީން ވަނީ ދަޢުލަތުގެ ވަކީލުން ތިބި ތަނަށް ވަޑައިގެން ހިތްޕުޅުހަމަނުޖެހި ވަޑައިގެން ވާހަކަ ދައްކަވައިފަ ކަމަށާއި، އެކަން ޕީޖީ އޮފީހުގެ އޮފިޝަލަކު މިހާރު ނޫހަށް ޔަޤީންކޮށްދެއްވިކަމަށެވެ.

އަދި ދަޢުލަތުގެ ވަކީލުންނާ ދިމާލަށް ރައީސް ޔާމީން ވަނީ ތިޔައީ ކިޔަވައިގެން ތިބި ކުދިން ކަމަށާއި ތިޔަކަލަ ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި، އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ބުނާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ނުރުހުމާ އެކު ވާހަކަ ދެއްކެވި ކަމާއި، އަދި ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން ”ސެންސް މޭކެއް ނުކުރޭ“ ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް މިހާރު ނޫހުން ރިޕޯޓު ކުރިއެވެ.

އެހެންނަމަވެސް ދަޢުލަތުގެ ވަކީލް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާން ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީޢު ވަނީ އެކަން ދޮގު ކުރައްވާފައެވެ.

”ދިޔަރެސް“ނޫހަށް މައުލޫމާތު ދެއްވަމުން ޝަފީއު ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުންނާ ދިމާނުކުރައްވާކަމަށާއި އެ ބޭފުޅުންނާ ސަމާސާކޮށް ވާހަކަދެއްކެވީކަމަށެވެ. އަދި ރައީސް ޔާމީން ދަޢުލަތުގެ ވަކީލުންނާ ސަމާސާކުރައްވައި މަޖާކުރެއްވި ކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް ތަސައްވުރުވީ ސަމާސާކުރައްވައި މަޖާކުރެއްވުން. އެއްވެސް ގޮތަކަށް ދިމާކުރައްވައި ބިރުދެއްކެވުމެއް ނޫން،“ ޝަފީޢު ވިދާޅުވިއެވެ.

މިހާރު ނޫހުން މިފަދަ ޚަބަރެއް ޝާޢިއުކުރިފަހުން ދެ ފަހަރެއްގެ މަތިން ވަނީ ޚަބަރުގެ ސުރުޚީ ބަދަލުކޮށްފައެވެ. އެހެންނަމަވެސް ދަޢުލަތުގެ ވަކީލުން އެ ޚަބަރު ދޮގު ކުރެއްވުމުންވެސް ޚަބަރު ވެބްސައިޓުން ނަގާފައެއްނުވެއެވެ.

މި ޚަބަރާއި ގުޅިގެން އެތައް ބަޔަކު ދަނީ ދޮގު ޚަބަރު ފެތުރުމުން މިހާރު ނޫހަށް ފާޑުކިޔުން އަމާޒުކޮށް އެއީ ސަރުކާރުގެ ”އުނގު“ މީޑިއާ ގޮތުގައި ސިފަކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button