
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދައުރުގައި އެމްއެމްޕީއާރސީ މެދުވެރިކޮށް ހިންގި ބޮޑު ވައްކަމުގެ ތެރެއިން ގެއްލުން 37 މިލިއަން ރުފިޔާ (2.46 މިލިއަން ޑޮލަރު) ލިބުނު މިހާގެ އަތުން އަނބުރާ ހޯދުމަށް މިއަދުވަނީ އަންގާފައެވެ.
މިއަދު މީޑިއާތަކަށް އޭސީސީން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ، އެމްއެމްޕީއާރސީއަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބެން ޖެހޭ ފައިސާގެ ތެރެއިން އަބްދުﷲ އާސިމް، ހ.ސްނޫޕީއަށް ލިބުނު ފައިސާ ހޯދުމަށް އަންގާފައިވާނެކަމަށެވެ.
ދިވެހި ފުލުހުންނާއި ގުޅިގެން އޭސީސީއުން ހިންގާ އެމްއެމްޕީއާރސީގެ ތަހުޤީޤުގައި ތުހުމަތުކުރެވޭ 338 ފަރާތެއްގެ މައްސަލަ ބަލަން މިހާރުވަނީ ނިންމާފައެވެ. އަދި އޭގެތެރެއިން މިހާތަނަށް 28 މީހެއްގެ މައްސަލަ ބަލާ ވަނީ ނިންމާފައެވެ.
މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހަރު 6 ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި އެމްއެމްޕީއާރސީގެ ހިޔާނާތާއި ގުޅިގެން އޭސީސީގެ މަސައްކަތްތައް މިހާތަނަށް ހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ތަފާސްހިސާބުތައް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، ކުރީގެ ސަރުކާރުން ހުށަހަޅާފައިވާ މައްސަލަތަކާއި އެކުގައި ޖުމްލަ 14 މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން ފަސް ފަރާތަކަށް ކުރި 43 ދައުވާ ވަނީ ސާބިތުވެފައި ކަމަށާއި 7 ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށް ދާކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އޭސީސީން 53 މައްސަލަ އެއް ތަހުޤީގު ކުރަމުން ދާކަމަށާއި އޭގެ ތެރޭގައިވާ 8 މައްސަލައަކަށް ޖިނާއީ ދައުވާ އުފުލުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރސީގެ މި މައްސަލާގައި 30 ރަށަކާއި ފަޅެއް ދޫކުރިކަމަށް ބެލެވެއެވެ. އަދި އެ ތަންތަނުން ދައުލަތަށް ލިބެން ޖެހޭ 1.5 ބިލިއަން ރުފިޔާ ލިބިފައިނުވާކަމަށްވެސް ވަނީ ހާމަވެފައެވެ.