ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްދިނުމުގެ އަމުރަކަށް ”ދިޔަރެސް“ގެ ފަރާތުން ހައިކޯޓުގަ އެދިއްޖެ

ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދަޢުލަތުން ކުރާ ޚަރަދުގެ ތަފުސީލު ހާމަނުކުރި މައްސަލައިގައި އަޑު އެހުމެއް މިއަދު ހައި ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހައި ކޯޓުގައި މިއަދު ހެނދުނު 11:00 ގައި ފެށި މި އަޑު އެހުމަކީ މި މައްސަލަ އާއި ގުޅިގެން ބާއްވާ 3 ވަނަ އަޑު އެހުމެވެ. މީގެ ކުރިން މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި މައްސަލަ ލައިވްކޮށް ކުރިއަށް ގެންދަން އެދުމުން، އެގޮތަށް ކުރިއަށް ގެންދަން ނިންމުމަށްފަހު އަދި މިހާތަނަށް މައްސަލާގައި މައުޟޫއީ ގޮތުން ވާހަކަ ދެއްކުމަށް އެންމެ އަޑު އެހުމެއްވެސް ބާއްވާފައިނުވެއެވެ.

އެންމެ ފަހުން މި މައްސަލަައިގެ އަޑު އެހުމެއް ބޭއްވީ ޖެނުއަރީ 24 ގައެވެ. އެދުވަހުގެ އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުންވަނީ މައްސަލަ އޮތްގޮތަށް ކުރިއަށް ގެންދެވޭނެތޯ މައްސަލަ ރައްދުވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ސުވާލުކޮށްފައެވެ. އެ އޮފީހުން ވަނީ އެގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައެވެ. އެފަހުން މި މައްސަލައަށް ޑިފެންސް މިނިސްޓްރީން ވަނީ ތަދައްހުލްވެފައެވެ.

މި މައްސަލަ ހުށަހެޅިތާ 2 އަހަރުފަހުން މިއަދު އަޑުއެހުމެއް ބާއްވާފައިވާއިރު، މައްސަލަ ހުށަހެޅި ”ދިޔަރެސް“ ނޫހުގެ ފަރާތުން ވަނީ މިއަދުގެ އަޑުއެހުމުގައި އެ މައްސަލައިގެ މައުޟޫއާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރު ކުރުމާއި ގުޅިގެން ހައިކޯޓަށް ހުށަހެޅުނު މައްސަލައިގައި ”ދިޔަރެސް“ ނޫހުގެ ފަރާތުން ވާހަކަދެއްކީ އެ ނޫހުގެ ކޯ ފައުންޑަރ އަހުމަދު އަޒާންއެވެ.

މިއަދުގެ އަޑުު އެހުމުގައި ހައިި ކޯޓުގެ ފަނޑިޔާރު ވަނީ މި މައްސަލައިގައި ”ދިޔަރެސް“ ނޫހުން އެދޭގޮތް ހުށަހެޅުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތުގައި ވާހަކަ ދައްކަމުން އަޒާން އެދުނީ ”ދިޔަރެސް“ ނޫހުގެ ފަރާތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީގައި އެދިފައިވާ މަޢުލޫމާތު ހާމަކޮށްދިނުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދެއްވުމަށް ހައި ކޯޓުގައި އެދިފައެވެ.

”ދިޔަރެސް“ ނޫހުގެ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެމީހުނަށް ދިވެހި ދަޢުލަތުން ކުރާ ޚަރަދުތަކުގެ ތަފްސީލް ހޯދުމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރު ކުރުމާއި ގުޅިގެން ހައިކޯޓަށް ހުށަހެޅުނު މައްސަލައިގެ މައުޟޫއާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލަ ހުށަހެޅިތާ 2 އަހަރުފަހުން މިއަދު ލިބިއްޖެ. އުންމީދަކީ ހައިކޯޓުން ވީ އެންމެ އަވަހަށް މި މައްސަލަ ނިންމުން.

މި މައްސަލައަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ”ދިޔަރެސް“ ނޫހުގެ ފަރާތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީގައި އެދުމުން، އެއީ ޤައުމީ، ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތެއް ކަމަށްބުނެ އެ މިނިސްޓްރީން އެ މައުލޫމާތު ހާމަނުކުރުމުން، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން އެ އޮފީހުން ޑިފެންސް މިނިސްޓްރީގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭނެ ކަމަށް ނިންމުމާއި ގުޅިގެން ހައިކޯޓުގައި ހިނގަމުންދާ މައްސަލައެކެވެ. މި މައްސަލަ ”ދިޔަރެސް“ ނޫހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button