ޚަބަރުސިޔާސީ

އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ދާއޫދަށް ރައީސްގެ މެޑަލެއް އަރުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ދާއޫދަށް ރައީސް އިބްރާހިމް ސާލިހުގެ މެޑަލެއް އަރުވައިފިއެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، ފުލުހުންގެ ވަޒީފާގައި ހުންނަވައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާކަމުގެ ތުހުމަތުގައި، ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާއިރު، ރައީސް އިބްރާހިމްގެ މެޑަލެއް ދާއޫދަށް އަރުވާފައި މިވަނީ ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާއެއްގައެވެ.

ދާއޫދަކީ ފުލުހުންގެ ވަޒިފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާދިން 5 އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ނަމަވެސް އެ ބޭފުޅުންގެ ފަރާތްޕުޅުން ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މައްސަލަ ނިމެންދެން އެ 5 ބޭފުޅުންގެ ތެރެއިން އޭރު ވަޒީފާއިން ވަކިކޮށްފައިނުވާ ތިން ބޭފުޅުން ކަމަށްވާ ޗީފް ސްޕްރިންޓެންޑެންޓް ޢަބްދުﷲ ޝަރީފާއި އެއިރު ސްޕްރިންޓެންޑެންޓުންގެ މަޤާމުގައި ތިއްބެވި ދާއޫދާއި އިސްމާއީލު ޝަމީމު މަޤާމުން ވަކިކުރުން ހުއްޓުވުމުގެ އަމުރެއް ކޯޓުން ނެރުނެވެ.

ފުލުހުންގެ ވަޒީފާއިން މި 5 ބޭފުޅުން ވަކިކުރަން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް، ސިވިލް ކޯޓުން ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގައު ވަނީ ނިންމާފައެވެ. އަދި އެމްއެމްޕީއާރސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތެއް ނެތި ވަކިކުރި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާފައެވެ. އަދި އެ ބޭފުޅުން ވަޒީފާއިން ވަކިކުރަން ދިން ނޯޓިސް ބާތިލުކުރިއެވެ. ނަމަވެސް ދައުލަތުންވަނީ އެ މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ސިވިލް ކޯޓުން މިހެން ނިންމާފައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ކުރިން އެކުލަވައިލެއްވި ހިޔާނާތުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުތަކުގައިވެސް ދާއޫދަކީ އެމްއެމްޕީއާރްސގެ ޚިޔާނާތުގެ ފައިސާ ލިބުނު ބޭފުޅެއްކަމަށް ފާހަގަކޮށްފައިވެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ އިސްވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ދިޔަރެސް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ “ ޚިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުވާ ފުލުހުންގެ މަތީ ފަންތީގެ އޮފިސަރުންނަށް ފިޔަވަޅުނޭޅުމަކީ ފުލުހުންގެ ދަށް ފަންތީގެ އޮފިސަރުންގެ ނުރުހުން އަމާޒުވާ ކަމެއްކަމަށެވެ. އަދި އެއީ ފުލުހުންގެ އިދާރާގެ އިތުބާރުވެސް ކުޑަވާ ކަމެއް“ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button