ރިޕޯޓް

އަމިއްލައަށް މެޑަލް ޖަހަން ހަދައިގެން ޓެކްސީ ޑްރައިވަރުންނަށް ބޮޑު މަލާމާތެއް

ފުލުހުން އަމިއްލައަށް މެޑަލް ޖަހަން ހަދައިގެން ޓެކްސީ ޑްރައިވަރުންނަށް ބޮޑު މަލާމާތަކާ ކުރިމަތިލާން ޖެހިއެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު މުހައްމަދު ހުސެއިން ޓެކްސީ ކުރަމުން އަންނަ މިނީ ވޭނުގައި އެއާޕޯޓަށް ގޮސް ޓެކްސީ ކިއުގައި މަޑުކޮށްގެން އޮއްވައި ދެ ފޮށިގަނޑު ހަވާލު ކުރުމަަށް ފަހު ބުނީ މާފަންނު ބިސްބުރަށް ދިއުމުން އެތަކެއްޗާ ހަވާލުވާނެ މީހަކު ހުންނާނެ ކަމުގައެވެ. މުހައްމަދު އެތަނަށް ގޮސް މަޑު ކުރުމަށްފަހު މަގު ބްލޮކްވާތީ ވަށައިގެން 6 ބުރު ޖެހުމަށްފަހު ޕާކު ކުރާނެ ތަނެެއް ހޯދައި، ފޯނު ކުރީ ފުލުހުންނަށެވެ. ވެގެން އުޅޭގޮތް ކިޔައިދިނުމަށްފަހު މަޑުކޮށްގެން ހުއްޓާ ރަށްޓެހި ފުލުހަކު އާދައިގެ ހެދުމުގަ މަޑުކޮށްލުމުން އޭނާއަށްވެސް މިވާހަކަ ކިޔައިދިނެވެ.

”ދެން އެސޮރުވެސް މާފަންނު ޕޮލިހަށް ގުޅައިފި. ގުޅީމާ އެކޮޅުން ބުނަނީ މަ ކައިރީގަ ބުނާށޭ އަންނާށޭ. ދެން މަދިޔައިރު ދެ ފޮށިގަނޑުގެ ވެރިފަރާތްވެސް ހުރި އެތާނގަ.“ މުހައްމަދު ކިޔައިދިނެވެ.

އޭރު ވެގެން އުޅޭގޮތެއް ނޭނގޭ ކަމަށާއި ފުލުހުން ތިބީ ”ފާޑަކަށް“ ކަން މުހައްމަދު ފާހަގަކުރިއެވެ. އެވަގުތު ފުލުހުންގެ ބަޔަކު މުހައްމަދާ ސުވާލު ކުރީ ޓެކްސީގައި ހުރި ދެ ފޮށިގަނޑާ ގުޅޭގޮތުންނެވެ. އެއީ ދޮޅު ލައްކަ ރުފިޔާގެ މުދާ ކަމަށާއި، އެތަކެތި ކޮބައިތޯ އެހުމުން މުހައްމަދު ގޮސް ޓެކްސީ ދޮރު ހުޅުވުމަށްފަހު ދެ ފޮށިގަނޑު ނެރުމުގެ ކުރިން މުދަލުގެ ވެރިފަރާތާއި ފުލުހުންނަށް ޝަރުތެއް ކުރިއެވެ. އެ ޝަރުތަކީ އެއްވެސް އެއްޗެއް ފޮށިގަނޑުން މަދުތޯ ނުވަތަ ނޫންތޯ ވެރިފަރާތުން ފުލުހުންނަށް އެނގޭގޮތަށް ޔަގީންކޮށްދިނުމެވެ. އެ މަރުހަލާ ނިމުނުއިރު ދެ ފޮށިގަނޑުގައި ހުރި ސާމާނު ބަރާބަރަށް ހުއްޓެވެ. އެއަށްފަހު އެކަން ނިމުނު ކަމަށް ހީކޮށް، ވެރިފަރާތަށް މުހައްމަދު ގުޅީ އޭނާގެ ހިތުގައި މުހައްމަދާ ދޭތެރޭ ނުތަނަވަސްކަމެއް އޮތްތޯ ބެލުމަށެވެ.

”އޭނާ ފަހަރެއްގަ ހީކޮށްފާނެ އަހަރެން އެތަކެތި ނެގީއޭ. އެކަހަލަ ހީވުމެއް އޮވެދާނެތީ މާތް ރަސްކަލާނގެ ގަންދީ ހުވާކޮށްފަ މިބުނީ އަހަރެން އޭނާގެ ހިތް ސާފުތޯ ކަށަވަރު ކުރިން. އެއާޕޯޓު ކޮޅުން ނައްޓާލިއިރު މުއާމާލާތް ކުރާނެ ގޮތެއް މަށަށްވެސް އަދި އޭނައަށްވެސް ވިސްނިފަ ނެތީމަ ކިހިނެއް އެކަކު އަނެކަކު ގުޅާނީ. ބިސްބުރަށް ގޮސް މަށަށް ގޮތް ހުސްވީމަ ޕޮލިހަށް ގުޅީ.“ މުހައްމަދު ބުންޏެވެ.

އިތުރު މައްސަލައެއް އެކަމުގައި ދެން ނެތް ކަމަށް ފުލުހުން ނިންމުމުން މުހައްމަދު އެނބުރިގަތީ އިތުރު ދަތުރުތައް ހޯދުމަށެވެ.

ޖެހިގެން އައި ހުކުރު ދުވަހު ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ މި ހާދިސާއާއި ގުޅިގެން ފުލުހުން ކޮށްފައިވާ ޓުވީޓުގެ ހަބަރުތަކެވެ. އެގޮތުން ފުލުހުން ބުނީ ބުރާސްފަތި ދުވަހު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓެކްސީ ކިއުއިން ނެގި ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކްސް ސާމާނު، ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އެތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކުރި ކަމުގައެއެވެ. އަދި މާފަންނު ޕޮލިހުން އެތަކެތި ހޯދީ ސީސީޓީވީ ފުޓޭޖުބަލައި އެ ޓެކްސީ ދެނެގަނެގެން ކަމުގައެެވެ.

ފުލުހުން މިހެން ބުނިއިރު، ޓްކްސީ ޑްރައިވަރު މުހައްމަދު ވަނީ ބުރާސްފަތި ދުވަހު ހަވީރު 17:34 ގައި ފުލުހުންގެ ނަންބަރު ކަމަށްވާ 3322111 ގުޅައި އެކަން ރިޕޯޓުކޮށްފައެވެ. އެއީ، 2 މިނިޓާއި، 2 ސިކުންތުގެ ފޯނު ކޯލެކެވެ. އަދި އެގޮތަށް ފުލުހުންނަށް ކުރާ ކޯލުތައް ލޮގު ކުރެވިފައި ހުންނާނެއެވެ. ނެތިއްޔާ އެއީ މައްސަލައެކެވެ. ދެން އޮތީ މުދަލުގެ ވެރިފަރާތުން ޓްކްސީގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ މުހައްމަދު ގުޅުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ އުފެދޭ ސުވާލެވެ.

”ބޮންތި“ ނޫހުން ފުލުހުންނާ އެސުވާލު ކުރުމުން ޖަވާބެއް ނުދިނެވެ. އަދި ފޯނު ނަންބަރު ދެފަރާތުން ބަދަލުކޮށްފައިނުވާއިރު، ޑްރައިވަރު މުހައްމަދު ބިސް ބުރު ކައިރީ ބުރުޖެހުމަށްފަހު ފުލުހުންނަށް އެބުނާ ވަގުތެއްގައި ގުޅައި ރިޕޯޓު ކުރިކަން ފުލުހުންނަށް ނޭނގެނީ ކީއްވެތޯ ކުރި ސުވާލަކަށްވެސް ޖަވާބެއް ނުދެއެވެ. އެކަމަކު އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް އެނގިފައިވާގޮތުގައި މުހައްމަދުގެ ރިޕޯޓު އޮތީ މާފަންނު ޕޮލިސް ސްޓޭޝަނަށް ނާންގައެވެ. އަދި މުދަލުގެ ވެރިފަރާތުން އެކަން ރިޕޯޓު ކުރި ގަޑި ލޮގު ކުރެވިފައި ނެތް ކަމަށް މާފަންނު ޕޮލިހާ ހަވާލާދީ މުހައްމަދުވެސް ”ބޮންތި“ އަށް ކިޔައިދީފައެވެ. އެގޮތަށް ލޮގު ކުރެވިފައި ނެތަސް އެކަން އެނގޭނެ އެހެން ގޮތެއް އޮބައޮތެވެ. އެއީ މުދަލުގެ ވެެރިފަރާތުން އެކަން ރިޕޯޓު ކުރީ މާފަންނު ވިއްޔަށް ގޮހެވެ. އެހެން ކަމަށް ވާނަމަ އޭނާ ފުލުސް އޮފީސް ތެރެއަށް ވަދެ ކައުންޓަރުގައި ހުއްޓުނު ގަޑިއަކީ ރިޕޯޓު ކުރި ގަޑިއެވެ. އެހެންކަމުން އެ ތަފްސީލް ދޭން ފުލުހުން ބޭނުން ނުވީއެވެ.

ދެވަނަ ކަމަކަށް ފުލުހުންގެ ހެޑް ކުއާޓާގެ 3322111 ގުޅައި17:34 ގައި މުހައްމަދު އެކަން ރިޕޯޓު ކުރުމަށްފަހު އޭނާގެ ރަށްޓެހި ފުލުސް އޮފިސަރަކު ކުލަހެދުމުގައި ދަނިކޮށް ދިމާވެގެން އޭނާ އާއި މިވާހަކަތައް ހިއްސާ ކުރުމަށްފަހު އެއާޕޯޓު ޕޮލިހަށް ގުޅިކަން އެ ފުލުސް މީހާއަށް ކަނޑައެޅިގެން އެނގެއެވެ. އަދި ހަމަ އެވަގުތު އެ ފުލުސް މީހާ މުހައްމަދަށް ގޮވާލުމަށްފަހު ”މިއޮތީ ތި ފޮށިގަނޑުގެ ވެރިމީހާ ގުޅާފައޭ“ މުހައްމަދު ގާތު ބުނެ އޭނާ މުހައްމަދު އަތަށް ފޯނު ދިނުމުން ވާހަކަ ދެއްކީ މާފަންނު ޕޮލިސް ސްޓޭޝަނުގައި އެވަގުތު ޑިއުޓީގައި ހުރި ފުލުހެކެވެ. އެތަނަށް ދިއުމަށް މުހައްމަދު ގާތު ބުނީވެސް އެ ފުލުސް މީހާއެވެ. އަނެއްކޮޅުން މުހައްމަދު އިސްވެ ފުލުހަށް ރިޕޯޓު ކުރުމާ އަދި އޭނާގެ ރަށްޓެހި ފުލުހެއް ގާތު އެވާހަކަ ބުނުމާއި، އެ ފުލުސް މީހާ މެދުވެރިކޮށް މާފަންނު ޕޮލިހަށް ދިއުމުން ސީސީޓީވީ ބަަލައި އިތުރަށް ފުލުހުން ދެނެގަންނަން ޖެހޭ ޓެކްސީއެއް ނޯންނާނެއެވެ.

މިކަމަކީ ފުލުހުންގެ ހުށިއާރުކަމާ މޮޅުކަމަކުން ވީކަމެކޭ ބުނެވޭކަށް ނެތެވެ. ފުލުހުން ކުރާ ބުރަ މަސައްކަތަށް ޝުކުރު ހައްގެވެ. އެފަދަ ކަންކަން އުފަލާއެކު ބަލައިގަންނަންވެސް ޖެހެއެވެ. ކަނޑުއަޑީގައި އޮތް ސިމް ކާޑެއް ވެސް ހަމަ ހޯދި ނޫން ހެއްޔެވެ؟އެކަމަކު މިފަހަރު މިއޮތީ އަމިއްލައަށް ކަމަކާ ހަވާލުވެ މެޑަލް ޖަހަން ދިމާކޮށްފައެވެ. ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ދިވެހި ފުލުހުން ތިބޭނީ އެހީތެރިކަން ފޯރުކޮދިނުމުގައި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ކަމަށް ހަދާފައި ދޮޅުލައްކަ ރުފިޔާގެ މުދާ ހިފައިގެން ދިޔަ ޓެކްސީއެއްގެ ޑްރައިވަރަކު އެ މުދާތަށް ވެރިފަރާތާ ހަވާލު ކުރާނެ ގޮތެއް ނޭނގިގެން ފުލުހުންނަށް ގުޅައި، އެތަކެތި ގޮސް ހަވާލު ކުރުމުން އަމިއްލައަށް ހެދުނު ހަޑި ފޮރުވަން ޑްރައިވަރާ ދޭތެރޭ ޝައްކުގެ ނަޒަރަކުން ދެކި އާންމުންގެ މީހަކު ދެން ޓެކްސީއަކަށް އެއްޗެއް ނާރުވާވަރު ކޮށްލީއެވެ. މުހައްމަދު ފަދަ އިހްލާސްތެރި ޓެކްސީ ޑްރައިވަރުން ލަދު ފަޟީހަތް ކޮށްލީއެވެ. ހުރިހާ ޑްރައިވަރުން އިހުލާސްތެރިއެކޭ ބުނަނީއެއް ނޫނެވެ. އެކަމަކު މިއީ މުޅި ޓެކްސީ އާއިލާތަކަށް ލިބުނު މަލާމާތަކާ ފުރައްސާރައެކެވެ. ފުކެއް ބޮޑުވަރެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ދޭތެރެއަކުން މިބުނާ ބާވަތުގެ ޓުވީޓު ކުރައްވައެވެ. އެއީ ހޯމް މިނިސްޓަރުގެވެސް އާދައެކެވެ. ކަން ކޮށްފަ މެޑަލް ޖަހާނަމަވެސް އެންމެ ރަނގަޅު ނޫން ހެއްޔެވެ؟

ރިޕޯޓު ލިޔެ ނިމުނީއެވެ. އަދިވެސް ފުލުހުންގެ ހިލަމެއް ނެތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button