ޚަބަރު

މަޖިލީހުގައި މެމްބަރުން ކުރެއްވި މުހިންމު ސުވާލުތަކަށް ޖަވާބުދާރީނުވެ ރިފްޢަތުގެ ހާސަރު ގަނޑެއް!

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލުމާއި ގުޅިގެން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި އޭނާ މަޖިލީހަށް ހާޒިރުކޮށް ކޮށްފައިވާ އެއްވެސް ސުވާލަކަށް ޖަވާބުނުދެއްވާ ބޮޑު ހާސަރު ގަނޑެއް ދަމަންފެށުމާއެކު މަޖިލީހުގެ އިދިކޮޅު މެންބަރުން ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންގޮސް މަޖިލީހުގެ ރިޔާސަތުން ވަނީ ޖަލްސާ ނިންމާލައްވާފައެވެ.

މިއަދުގެ ޖަލްސާގައި ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުވަނީ ގިނަ ސުވާލުތަކެއް ރިފްޢަތަށް އަމާޒުކުރައްވާފައެވެ. މީގެ އިތުރުން މައިނޯރިޓީ އަދި އެހެން މެމްބަރުންގެ މުހިންމު ސުވާލުތަކަށްވެސް ރިފްޢަތު ޖަވާބުދާރީވެފައި ނުވެއެވެ.

މައްސަލައަށް ޖަވާބުދާރީވުމަށް އޭނާއަށް ލިބިވަޑައިގެންނެވި 30 މިނިޓުގެ ތެރެއިން ބަހުސް ފެށުމުގެ ކުރިން ލިބިވަޑައިގަންނަވާ 10 މިނިޓުގައި ރިފްޢަތު ދެއްކެވި ވާހަކަފުޅުގައި އޭނާއާ ގުޅޭގޮތުން މެމްބަރުން ހުށަހެޅުއްވި މައްސަލާގައި ކުރިމަތިކުރައްވާފައިވާ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވާފައެއްނުވެއެވެ.

ރިފްޢަތު ވަނީ އޭނާއަކީ ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުގެ ބޮޑު މާހިރެއް ނޫންކަމަށާއި، މުޅި ހަޔާތުގައިވެސް ފައިސާއެއްގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރިފްޢަތު ވަނީ މި މައްސަލަވެސް ކުރީ ސަރުކާރުތަކުގެ ބޮލުގައި އެޅުއްވުމަށް މަސައްކަތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ ސަރަޙައްދުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއްކަމަށާއި، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރީގެ ސަރުކާރުތަކުން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށާއި، އެކަމުގައި ކުރީގެ ބަންޑާރަނައިބުންވެސް އިހުމާލުވެފައިވާކަމަށެވެ. އަދި ރާއްޖޭގެ މައްޗަށް މޮރީޝަސްއިން މައްސަލައެއް ހުށަހެޅުމާއެކު މަސައްކަތްކުރެއްވީ ކަމާ ގުޅުންހުރި ދާއިރާތަކާއެކު މަޝްވަރާކުރައްވައިގެން ކަމަށާއި، އެކަމުގައި ރާއްޖެއަށް ގެއްލުންވާ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

އަދި ޗާގޯސް މައްސަލައިގައި ރައީސް އިބްރާހިމް މޮރީޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު ސިޓީ ދިފާއު ކުރައްވާ ރިފްޢަތު ވިދާޅުވީ މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީއަކީ އީއީޒެޑްގެ މައްސަލައާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ. ބަންޑާރަ ނައިބު މިފަދައިން ވިދާޅުވި ނަމަވެސް ރައީސް އިބްރާހިމްގެ ސިޓީ ސިއްރު ކުރުމަށް ސަރުކާރުން ދަނީ ގަދަފައި ވިއްދަމުންނެވެ. އެކަމާއިގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ އެ ސިޓީ ސިއްރުކުރަންޖެހޭ ސަބަބެއް ނެތްކަމަށާއި، ސިޓީ މަޖިލީހާއި ހިއްސާކުރަންޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.

މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު އަފީފް ވަނީ ދެން ޖަލްސާއެއް އޮންނާނީ ޖޫން މަހުގެ 6 ވަނަ ދުވަހުގައިކަމަށް އިއުލާނުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button