ޚަބަރުސިޔާސީ

ރިފްޢަތުގެ އިތުބާރުނެތް މައްސަލަ މާދަމާއަށް ތާވަލުކޮށްފި

ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ވިއްކާލިކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތު ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އޭނާ މަޖިލީހަށް ހާޒިރުވެވަޑައިގަތުން މާދަމާ އަށް ތާވަލްކޮށްފިއެވެ.

އެންމެ ފުރަތަމަ ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ތާވަލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ. އެހެންނަމަވެސް އެ ޖަލްސާއަށް ހާޒިރުނުވެ ރިފްއަތުގެ ޖަވާބުދާރީވެފައިވަނީ ލިޔުމުންނެވެ.

އެދުވަހުގެ ޖަލްސާއަށް ރިފްޢަތު ވަޑައިނުގަތުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބު ޖަވާބުދާރީވުމަށް އޭނާ އެދުވަހުގެ ޖަލްސާއަށް ހާޒިރުނުވުމުން އެ އިދާރާއިން ކަންތައްކުރާނެ ގޮތަކާމެދު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ގޮތެއް ނުނިންމުމުން ދެން ޖެހޭނީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ކަމަށެވެ. ރިފްޢަތު މަޖިލީހަށް ހާޒިރުވެވަޑައިނުގަތްް މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވުމުން މަޖިލީހުން މިކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން ނިންމުމުން އެންމެފަހުން މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށް ރިފްޢަތު ނިންމެވީއެވެ.

ދެވަނަ ފަހަރަށް އެ މައްސަލަ ތާވަލުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެ މައްސަލައިގައި ޖަވާބުދާރީވުމަށް ރިފްޢަތަށް ލިބޭނީ 30 މިނެޓުގެ ވަގުތު ކޮޅެކެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި، ފިކުރެއްގެ ދިރުން ޙަރަކާތާއި އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ގުޅިގެންނެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް އޭނާ އަށް މަޖިލީހަށް ހާޒިރުވެވަޑައިގަންނަން ކެރިވަޑައި ނުގަތްް މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކެއްގެ ފާޑުކިޔުންވެސް ވަނީ ރިފްޢަތަށް އަމާޒު ވެފައެވެ.

ރިފްޢަތު ޢަމަލު ކުރެއްވި ގޮތާއި ގުޅިގެން ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވީ މަޖިލީހުގެ މަސްއޫލިއްޔަތަށް ހުރަސްއެޅުމުގެ ބާރު ބަންޑާރަނައިބަށް ލިބިގެން ނުވާކަމަށެވެ. ޑރ. އަހުމަދު އަބްދުالله ދީދީ މިފަދައިން ވިދާޅުވީ، ބަންޑާރަނައިބުގެ ނިންމުންތަކާމެދު މަޖިލީހަށް ގޮތެއް ނިންމޭނެކަމަށް މިހާރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ދެކެވަޑައި ނުގަންނަވާ ކަމަށް ޚަބަރު ފެތުރުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button