ހުޅުމާލޭގައި ސިފައިން ތަމްރީނެއް ކުރިއަށްގެންދާތީ ސަމާލުވާން އެދެފި

މިއަދުން ފެށިގެން ތިން ދުވަހަށް ހުޅުމާލޭގައި ސިފައިން ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން އެދެފިއެވެ.
ތަމްރީންތަކާއި ގުޅޭގޮތުން އެމްއެމްޑީއެފުން ކުރި އިޢުލާނެއްގައި https://www.gazette.gov.mv/iulaan/243473 ބުނީ އެ ތަމްރީނުތައް ކުރިއަށްގެންދާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 ފެށިގެން ހަވީރު 6:00 އަށް ޖުމްލަ 12 ގަޑިއިރު ކަމަށެވެ.
އެމްއެންޑީއެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް ކުރިއަށް ދާނީ ޖޫން 04، 05 އަދި 06 ވަނަ ދުވަހުގެ 06:00 އިން 18:00 އަށް ކ. ހުޅުމާލޭގެ އިރުމަތީ ފަރާތުގައި ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11.25 ނޯޓިކަލް ބޭރުން 5000 މީޓަރ ދުރުމިނަށް ކަމަށާއި އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެހެންކަމުން އެ ސަރަޙައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަމެއް ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފުން ވަނީ އާއްމުކޮށް އަންގާ އިޢުލާނުކޮށްފައެވެ.