ޚަބަރު

ރައީސް ޔާމިންގެ އިސްތިއުނާފު އަޑުއެހުންތައް ބުދަ ދުވަހު ފަށަނީ!

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކުރި 11 އަހަރުގެ ޖަލުޙުކުމުގެ އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފި އެވެ.

އެ މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް ކުރި ޙުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށައެޅި އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފައިވަނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. މައްސަލަ ބަލައިގަތުމަށްފަހު އަޑުއެހުންތައް ނުބާއްވާ ގިނަދުވަސްތަކެއް ވަމުންދާތީ އެމަނިކުފާނުގެ ޤާނޫނީ ޓީމާއި، އިދިކޮޅު ކޯލިޝަނުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި އެ މައްސަލަ އޮތް ހިސާބެއް ބެލުމަށް، އެ ކޯލިޝަނުންގެ ލީޑަރުން އެކި ފަހަރުމަތިން ވަނީ ހައި ކޯޓަށް ވަޑައިގަންނަވާފަ އެވެ.

މި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ކޯލިޝަންގެ ލީޑަރުން މިއަދުވެސް ކޯޓަށް ވަޑައިގަންނަވާފައިވާއިރު، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އާރަށުގެ މައްސަލައިގެ އިސްތިއުނާފު އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހައިކޯޓުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ހައި ހައިކޯޓުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ހައި ކޯޓުން ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާ އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 އަށް ތާވަލުކުރެވިފައިވާ ކަމަށެވެ.

އާރަށު މައްސަލައިގެ އިސްތިއުނާފު ބުދަ ދުވަހަށް ތާވަލުކުރެވިފައިވާއިރު، ރައީސް ޔާމީން ގެންދަވަނީ އެ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ނެވެ.

މި މައްސަލައިގައި ރައީސް ޔާމީންއަށް ކާމިޔާބު ލިބިއްޖެނަމަ އެމަނިކުފާނު ޖަލުން މިނިވަންވެ ވަޑައިގެން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ވާދަނުކުރެވޭ އިންތިޚާބެއް ޤަބޫލު ނުކުރައްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ރައީސް ޔާމީންއަށް ކެމްޕޭނު ކުރަން ފުރުޞަތުނުދީ އަނިޔާވެރިކަމާއެކީ ޖަލުގަ ބާއްވައިން ގެންގުޅެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ރައީސް ޔާމީންއަށް ނުދޭހާ ހިނދަކު އިންތިޚާބު މިނިވަން ނުވާނެކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button