ކަނޑުގެ ބައެއް ދޫކޮށްލީ ބިރިޔާނީ ކައިގެން: އުމަރު
ޗާގޯސް މައްސަލައިގައި ގުޅިފައިވާ އިއްތިހާދުން ބޭއްވި ބޮޑު ޖަލްސާގައި ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ޤައުމަކުން ކަމަށާއި، މިފަދައިން ކަނޑު ވިއްކާލީ ބޭރުގެ ޤައުމެއްގެ ނުފޫޒުގެ ސަބަބުންކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން އުމަރު ވިދާޅުވީ ކަނޑު ބޮޑު ބައެއް ދޫކޮށްލީ، ކޮން ޤައުމެއްގެ ނުފޫޒުންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ކަނޑުން ބައެއް ދޫކޮށްލީ ބިރިޔާނީ ކައިގެން ކަން އެނގިވަޑައިންނަވާ ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރުގެ ވާހަކައިގައި ޢިޝާރާތް ކުރައްވާފައިވަނީ މި މައްސަލައަށް އަވަށްޓެރި އިންޑިއާގެ ނުފޫޒު އޮތް ކަމެވެ.
”ކަނޑުގެ ބައެއް ދޫކޮށްލީ ކޮން ބިރިޔާނީއެއް ކައިގެން ހެއްޔޭ؟ ކަނޑުގެ ބައެއް ދޫކޮށްލީ ބިރިޔާނީ ކައިގެންކަން އެނގޭ“ އުމަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުގެ ތަފާތު ބަޔާންކޮށްދެއްވަމުން އުމަރު ވިދާޅުވީ ރައީސް އިބްރާހީމް ނާސިރުގެ ޒަމާނުން ފެށިގެން ރާއްޖޭގެ އެއްވެސް ވެރިޔަކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދެއް ދޫކޮށްފައިނުވާ ކަމަށެވެ. ކޮންމެ ވެރިކަމެއް އޮތް ނަމަވެސް ނިކުންނާނީ އެއް ނަތީޖާއެއްކަމަށް އެމްޑީޕީ މެންބަރުން ދައްކަވާ ވާހަކަފުޅަށް ރައްދުދެއްވަމުން އުމަރު ވިދާޅުވީ ކުރީގެ ރައީސުންކުރެ އެއްވެސް ބޭފުޅަކު ޗާގޮސްއަކީ އަދި އެތަނާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދަކީ މޮރިޝަސްގެ ސަރަހައްދެއްކަމަށް އެއްބަސްވެވަޑައިގެންފައިނުވާ ކަމަށެވެ. އުމަރު ވިދާޅުވީ ދިވެހިންގެ އަތުން ގެއްލުނު ކަނޑު އިރާދަކުރެއްވިއްޔާ ހޯދާނެ ކަމަށާއި، އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސިޓީ ބާޠިލް ކުރާނެ ކަމަށެވެ.