
ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅޭކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނަކީ ދޮގު ބަޔާނެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ރޭގެ ޖަލްސާ ފެށުމުގެ އިރުކޮޅެއް ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަލްސާގައި ޤާނޫނާ ޚިލާފު އަމަލުތަކެއް ހިންގުމަށް ރާވަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ޖަލްސާގައި ބަޔަކު ހިންގަން އުޅުނުކަމަށް ތުހުމަތުކުރި ޤާނޫނާ ޚިލާފު އަމަލަކީ ކޮބައިކަމެއް ފުލުހުންގެ ބަޔާނުގައި ތަފުސީލުކޮށްދީފައިނުވެއެވެ.
ފުލުހުން ރޭ އެފަދަ ބަޔާނެއް ނެރުނުއިރު، ރޭގެ ޖަލްސާއަކީ ހަމަނުޖެހުން ހިންގައި އަމާންކަން ނަގައިލުމަށް އިންތިޒާމުކުރާ ޖަލްސާއެއްކަމަށް ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ވަފާތެރި މަޖިލިސް މެންބަރުން ގެންދެވީ ވިދާޅުވަމުންނެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބަދުﷲވެސް ވަނީ އެ ޖަލްސާގައި ރައްޔިތުން ލައްވައި ގޯސް ހަދުވާނެކަމަށް ދޭހަވާގޮތަށް ޓުވީޓެއް ކުރައްވާފައެވެ.
އެހެންނަމަވެސް އެތައްހާސް ރައްޔިތުންނާއި އެކު ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވުމުން، ފުލުހުން ނެރުނު ބަޔާނަކީ ރައްޔިތުންގެ މެދުގައި ނަފްރަތާއި، ބިރުވެރިކަން އުފެއްދުމަށް ނެރުނު ބަޔާނެއްކަމަށް ބުނުމުގެ ފުރުޞަތު އެބައޮތެވެ.