އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު، ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ނޮވެމްބަރު 17 ވަނަ ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާއަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު ދިނީ ދިވެހިރާއްޖެ ބޭރު ގައުމުތަކުގެ އަސްކަރީ ބޭނުމަށް ވިއްކާލައިގެން ނުހައްގުން މުއްސަންދިވާން އުޅުނު ބައެއްކަން ޕީޕީއެމްގެ ސެނެޓަރ އިބްރާހިމް ރައްޒާން ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު ރައީސްކަމުގެ ހުވާ ކުރުމަށް ބާއްވާ ހަފްލާއަށް އެމްޑީޕީން ހުރަސްއަޅާނެ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި ރައްޒާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަފްލާއަށް ހުރަސް އަޅަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކާމިޔާބު ނުވާނެ ކަމުގައެވެ.
”ހުރަސް އަޅަން މަސައްކަތް ކުރިޔަސް ކާމިޔާބު ނުވާނެ! އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާ ކުރުއްވާނެ.“ ރައްޒާން ވިދާޅުވިއެވެ.
ރައްޒާން މިފަދައިން ވިދާޅުވެފައިވާއިރު، އޭނާ ވަނީ މުއިއްޒުގެ ވެރިކަން ދިފާއު ކުރަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެކަމުގެ ޔަގީންކަން މީގެ ކުރިން ޕީޕީއެމް ޕީއެންސީގެ މެންބަރުންނަށް ދެއްވާފައެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލުން މިނިވަން ކުރުމަށާއި ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ހިންގުނު ހުރިހާ ހަރަކާތެއްގައި ރައްޒާން ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. އެގޮތުން ރައްޒާން ވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕާއި، އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ މުހައްމަދު އިސްމާއީލްގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު ވަރުގަދަ ސިޔާސީ ހަރަކާތްތަކެއް ހިންގަވާފައެވެ.
ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅުން ބޭއްވި އެއްވުންތަކުގައި ރައްޒާން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.