ޚަބަރު

ރައްޒާން ބަންދުގައި ބަހައްޓަންޖެހޭ ޝަރުއީ، ގާނޫނީ ސަބަބެއް ނެތް: ހައި ކޯޓު

ޕީޕީއެމްގެ ސެނެޓަރ އިބްރާހިމް ރައްޒާން (ޓަކީ) ބަންދުގައި ބަހައްޓަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ނިންމައި އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށް ނުދިނުމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.

ރައްޒާން ބަންދުން ދޫކޮށްލި މައްސަލާގައި ދައުލަތުން ކޮށްފައިވާ އިސްތިއުނާފު އަޑު އެހުންތައް ނިންމާލަމުން ހައިކޯޓުގައި އެމައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގު ވެވުނީ އޭނާ ބަންދުގައި ނުބެހެއްޓުމަށެވެ.

ބެންޗުގެ އިސް ގާޒީ ހުޒައިފާ މުހައްމަދު ވަނީ މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓެއް އިއްވަވާފައެވެ. ގާޒީ ހުޒައިފާ ވިދާޅުވިގޮތުގައި ރައްޒާން ހަމަނުޖެހުމަށް އެހީތެރިވެފައިވާކަން ސާބިތު ކުރުމަށް އޭނާ ހުރި ސަރަހައްދުގައި އުޅުނު ބައެއް މީހުންގެ ބަޔާންތައް ނަގަމުންދާ ކަމަށް ދައުލަތުން ބުނެފައިވީ ނަމަވެސް ރައްޒާން ހައްޔަރުކުރި ފުލުހުން ފިޔަވައި އިތުރު ބައެއްގެ ބަޔާން ނަގާފައިވާކަން އެނގޭކަށް ނެތެވެ. އަދި 28 ޖޫންގައި ރައްޒާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ހެއްކަކީ 23 ޖޫންގައި އޭނާ ބަންދު ކުރުމަށް ހުށަހެޅި ހެކި ކަމުގައެވެ. ހެކިބަސް ދޭން ބަޔަކު ތިބިކަމަށް ބެލި ނަމަވެސް ރައްޒާން އެ މީހުންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ހާލަތު ބަޔާންކޮށްފައި ނެތުމުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރު ބެލެވޭ އެކަށީގެންވާ ސަބަބެއް ނެތްކަން ގާޒީ ފާހަގަކުރެއްވިއެވެ.

ރައްޒާން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކަލަކަށް ވެދާނެ ކަމަށް ދައުލަތުން ބުނާ ބުނުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ބޭނުން ކުރި އާލާތްތައް ކަމަށް ބަޔާންކުރާ ދިދަ ތަކާއި ސްޕީކަރެއް އުފުލުމުގައި އަމަލީގޮތުން ރައްޒާން ބައިވެރިވެފައިވާކަމަށް ދައުލަތުން ބަޔާންކޮށްފައިވާ ކަންކަމަށްވެސް ގާޒީ ހުޒައިފާ ވަނީ ރިއާޔަތް ކުރައްވާފައެވެ. ހާއްސަކޮށް ޔޯގާ ހަރަކާތް އޮތް ގަލޮޅު ބޯޅަދަނޑަށް ބަޔަކު ވަދެ އެތަނުގައި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތައް ފޫއަޅުވައި، ހަމަލާދިނުމާއި، ޖަމާއަތް ހަދައިގެން އެތަނުގައި ތިބި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ އަމަލު ހިންގުމުގައި ރައްޒާން ބައިވެރިވެފައިވާ މިންވަރު ދައުލަތުން ބަޔާން ކޮށްދީފައިވާ ގޮތަށް ގާޒީ ވަނީ އަލިއަޅުއްވާފައެވެ. އެކަންކަމަށް ރިއާޔަތްކުރައްވައި ގާޒީ ހުޒައިފާ ވިދާޅުވީ ރައްޒާން އެފަފަ އަމަލެއްގައި ބައިވެެރިވެފައިވާކަން އެނގެން ނެތް ކަމުގައެވެ. އަދި އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމުގައި ބެލުމުގެ އިހުތިމާލެއް އޮތްކަމުގައި ނުދެކޭ ކަމަށްވެސް 3 ފަނޑިޔާރުންގެ ބެންޗަށް ވަނީ އިއްތިފާގު ވެވިފައެވެ.

މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ހުޒައިފާ ވިދާޅުވީ ޝަރުތުކޮށް ރައްޒާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2-28 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 63 ވަނަ މާއްދާއަށް ރިއާޔަތް ކުރުމަކާ ނުލައި ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތުމުން ދަށު ކޯޓުގެ އަމުރަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމުގައެވެ.

ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހާދިސާ އާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން އާއި، ޝެއިޚް ފަޟްލޫން ބިން މުހައްމަދު އާއި، ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ގިނަ ބަޔަކު ހައްޔަރު ކޮށް، ދިގު ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ. ޝެއިޚް ނިޝާން އާއި ފަޟްލޫން އާއި މުހައްމަދުގެ އިތުރުން އެ މައްސަލައިގައި މިހާރު ބަންދުގައި ތިބީ 13 މީހުންނެވެ. އެ މައްސަލައިގައި މިހާތަނަށް 8 މީހަކު ދޫކޮށްލިއިރު، އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button