ޚަބަރު

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ރައްޒާނު އާއި ދެކޮޅަށް ހެއްކެއް ނެތް: ދައުލަތް

21 ޖޫން 2022 ގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން ޕީޕީއެމްގެ ސެނެޓަރ އަދި ޔޫތު ވިންގުގެ މެންބަރު އިބްރާހިމް ރައްޒާން (ޓަކީ) އާއި ދެކޮޅަށް ހެއްކެއް ނެތް ކަމަށާއި، އެއްވެސް ފުލުހަކު އެދުވަހާއި ގުޅިގެން ރައްޒާނު އާއި ދެކޮޅަށް ބަޔާން ދީފައި ނުވާކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން މިއަދު ކުރިޔަށް ދިޔައީ ޓަކީ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ އަޑު އެހުމެކެވެ.

ޓަކީއާއި ދެކޮޅަށް ފުލުހުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އޭނާ ފްރޭމް ކުރުމަށްޓަކައި ފުލުހުންގެ ބަންދުގައި ހުންނަތާ 4 ދުވަސް ވީފަހުން 27 ޖޫން 2022 ގައި ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެކެވެ. އެ ރިޕޯޓުންވެސް ޓަކީގެ ސަބަބުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ބަޔާންކޮށްފައި ނުވާކަން މިއަދުގެ އަޑުއެހުމުން ވަނީ ހާމަވެފައެވެ.

ޓެރަރިޒްމްގެ ތުހުމަތުގައި އިންޓެލިޖެންސް ރިޕޯޓަކީ ދެވަނަ ފަހަރަށް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ވަސީލަތަކަށް ނުވާތީއާއި ޓަކީ އާއި ދެކޮޅަށް އެއްވެސް ހެއްކެއް އެހާތަނަށް ފުލުހުން ހުށަހަޅާފައި ނެތުމުން ޓަކީ ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ. ހެއްކެއް ނެތް ނަމަވެސް ދައުލަތުން މިއަދުވެސް އެދުނީ ޓަކީ 9 ދުވަހަށް ޖަލު ބަންދަށް ބަދަލުކޮށްދިނުމަށެވެ. ޓަކީ 28 ޖޫން 2022 ގައި ކްރިމިނަލް ކޯޓުން ދޫކޮށްލިފަހުންވެސް މިހާރު 9 ދުވަހަށްވުރެ އިތުރުވެފައިވާތީ އާއި، އޭނާގެ ތަހުގީގު ނިމިފައިވާތީ، އޭނާ އަލުން ޖަލަށް ބަދަލުކުރަން އުޅެނީ ކޮން ޒަރޫރަތެއް އޮވެގެންތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރުމުން ދައުލަތަށް ޖަވާބުދާރީ ނުވެވުނުކަން މިއަދުގެ އަޑުއެހުމުން ފާހަގަވިއެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ޝަރީއަތުން ވިދާޅުވީ މި މައްސަލައިގައި ގޮތެއް ނިންމުން މި ހަފްތާގެ ތެރޭގައި އޮންނާނެ ކަމުގައެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ޕީޕީއެމްގެ އެކްޝަން ޑިޕާޓްމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޝެއިޚް އާދަމް ނިޝާން އާއި ޝެއިޚް ފަޟްލޫން ބިން މުހައްމަދުގެ އިތުރުން ގިނަ ބަޔަކު ހައްޔަރުކޮށް، ދިގު މުއްދަކަށް ބަންދުކޮށްފައިވާ މައްސަލައިގައި އާންމުންގެ މަލާމާތާއި ފުރައްސާރަ ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެ މައްސަލައިގައި ފުލުހުންގެ އިހުމާލު ބޮޑުކަމުގައި ފުލުހުންވެސް ވަނީ އެއްބަސްވެފައެވެ. އެކަމަކު ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖުހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ހަމަހަމަ އުސޫލުން ވާހަކަ ދައްކާ އާންމުން ބުނެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button