ޚަބަރު

ކަނޑު ވިއްކާލުމާ ދެކޮޅު ކޯލިޝަނުން ސަރުކާރަށް ވަރުގަދަ މެސެޖެއް!

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސިއްރު ސިޓީއަކުން ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް މޮރީޝަސްއަށް ދޫކޮށްލި މައްސަލާގައި އެކަމާއި ދެކޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުން އުފައްދާފައިވާ ކަނޑުވިއްކުމާއި ދެކޮޅު ކޯލިޝަނުން ރޭ އެތައް ހާސް ރައްޔިތުންނާއިއެކު ކާނިވާ ސަރަޙައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް އިބްރާހިމްގެ ސަރުކާރަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ޤައުމީ ސަލާމަތުގެ މުހިންމުކަމާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތް ކުރުމާއި ގުޅޭގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ތަޤްރީރަކުން ފެށިގެން ދިޔަ ”ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު“ ޖަލްސާގައި ގުޅިފައިވާ ފޯޅަވަހި އިއްތިހާދުގެ އެކި ސިޔާސީ ލީޑަރުން ވަނީ ސަރުކާރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދު ކުރަށްވާފައެވެ.

އެގޮތުން މި ޖަލްސާގައި އެންމެ ފުރަތަމަ މުޚާތަބު ކުރެއްވި ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ވަނީ ޗާގޯސް މައްސަލައިގައި ދިވެހި މަސްކަނޑު ސަރުކާރުން ދޫކޮށްލުމާއި ގުޅޭ ތަފްޞީލްތައް ހާމަކުރައްވާފައެވެ. އެ ތަފްޞީލް ތަކާއި އެކު ޑރ. މުނައްވަރު ވިދާޅުވީ ފެނިގެން ދިޔައީ ދިވެހި މަސްވެރިން މަސް ބާނާ ބާނާ ތިއްބާ ދިވެހިންގެ މައްޗަށް އެއްވެސް ރަހުމެއްނެތި ރައީސް އިބްރާހިމްގެ ސަރުކާރުން ދިވެހި މަސްކަނޑު ވިއްކާލިތަން ކަމަށެވެ. އަދި ރޭގެ ޖަލްސާ އަކީ ރައީސް އިބްރާހިމަށް ދިވެހި ރައްޔިތުންގެ ފަރާތުން ވަރުގަދަ ޑިމާންޑްތަކެއް ހުށަހެޅުމަށް ބޭއްވުނު ޖަލްސާއެއް ކަމަށާއި، މިސަރުކާށާއި ރައީސް އިބްރާހިމަށް ޑިމާންޑް ކުރަނީ މަސްޢޫލިއްޔަތު އަދާ ކުރުމަށް ކަމަށެވެ. އެ މަސްޢޫލިއްޔަތަކީ  ދިވެހި ރާއްޖޭގެ ސަރަޙައްދު އޭގެގޮތުގައި އޭގެ ކަނޑުގެ ސަރަޙައްދު ދިވެހި ރާއްޖޭގެ ޤާނޫނުން ކަނޑައަޅާފައިއޮތް އިމުގެތެރޭގައި ދަމަހައްޓާ ދިނުން ކަމަށް މުނައްވަރު ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީ ދިވެހި ރައްޔިތުންތިބީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ވިއްކާލީމާ އެކަމަށް ރުހިގެން ނޫންކަމަށާއި، އެކަން އެބީދައިން ދޫކޮށް ނުލައްވާނެ ކަމަށާއި، ގެއްލުނު މަސްކަނޑު އަނބުރާ ހޯއްދަވާނެ ކަމަށެވެ. އަދި މިސަރުކާރުން ގެއްލުވާލި ކަނޑުގެ ސަރަޙައްދު އަނބުރާ ހޯއްދަވައި ނުދެއްވޭ ކަމަށްވާނަމަ ރައީސް އިބްރާހިމް އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގެންނެވުމަށް ޑރ. މުނައްވަރު ވަނީ ގޮވާލައްވާފައެވެ. އަދި އިސްތިއުފާ ނުދެއްވާ މަޤާމުތަކުގައި ތިއްބަވާނަމަ ރައްޔިތުން ނުކުމެ އެބޭފުޅުން ވެރިކަމުން ބާލާނެ ކަމުގެ އިންޒާރުވެސް މުނައްވަރު ވަނީ ދެއްވާފައެވެ.

ރޭގެ ޖަލްސާގައި ދެން  ރައީސް އިބްރާހިމްގެ ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވި އަނެއް ބޭފުޅަކީ އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްއެވެ.

ނާޒިމް ވިދާޅުވީ މިއީ ޤައުމީ މަސައްކަތެއްގައި ކަމަށާއި، އެއީ ޤައުމުން ބައެއް ގެއްލިގެން އެބައި އަނބުރާ ހޯދުމުގެ މަސައްކަތް ކަމަށެވެ. ނާޒިމް ރައީސް އިބްރާހިމަށް ދެއްވި ރައްދުގައި ވިދާޅުވީ ރައީސް އިބްރާހިމަށް ދެން މި ޤައުމުގެ ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީއެއް ނެތްކަމަށާއި، ޤާނޫނުން ބޭރުން ޤައުމުގެ ކަންކަން ކުރެއްވީމާ ދެން ރައީސް ކަމުގައި އިބްރާހިމް މުޙައްމަދު ޞޯލިޙަށް ނުހުރެވޭނެ ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ތަންތަނަށް ސިޓީ ނުފޮނުއްވޭނެ ކަމާއި، ޚާއްޞަކޮށް ޤައުމީ މައްސަލަތަކުގައި ސިޓީ ފޮނުއްވޭނީ އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯއްދަވައިގެންކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެއާއިއެކު އޭނާ ވަނީ މޮރީޝަސް ގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް ފޮނުވި ސިޓީ އަކީ މަޖިލީހުގެ ހުއްދަނެތި ފޮނުއްވި ސިޓީއެއްކަމަށް ވިދާޅުވެފައެވެ. އަދި ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިގެން މިދިޔައީ އެކަމުގެ ސަބަބުން ކަމަށާއި، އެކަމުގެ ފުރިހަމަ ޒިންމާ ރައީސް އިބްރާހިމް ނަންގަވަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މިސަރުކާރު މިއޮތީ ކޮމްޕްރޮމައިޒް ވެފައިކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ޖެހޭނީ ވެރިކަމުން ފައިބާ ވަޑައިގަންނަވަން ކަމަށާޢި، މިވެރިކަން ނިންމާނެ ކަމުގެ ޔަޤީންކަން ނާޒިމް ވަނީ ދެއްވާފައެވެ. އަދި މި މައްސަލާގައި ހުރިހާ ސިޔާސީ ބޭފުޅުން ތިއްބެވީ ސިޔާސީ ފިކުރުތަކާއި ކުލަތައް ދޫކުރައްވާ މިސަރުކާރު ބަލިކުރަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުވެސް ވަނީ ސަރުކާރަށް މުހިންމު މެސެޖްތަކެއް ދެއްވާފައެވެ. އާޒިމާގެ ވާހަކަފުޅުގައި ވިދާޅުވީ މި މަސައްކަތުގައި ނުކުމެ ހުންނެވީ ސިޔާސީ ނުފޫޒެއް އޮވެގެން ނޫންކަމަށާއި، މި ސަރުކާރުގެ އިހުމާލުން މަސްކަނޑު ވިއްކާލި ކަމަށް އަމިއްލަފުޅަށް ޤަބޫލުކުރެވޭތީ ދިވެހި ރައްޔިތުންގެ ޙައްޤުގަ އަޑު އުފުލުމަށް ކަމަށެވެ.

އެކި ދުވަސްވަރު ދިވެހި ރާއްޖޭގެ ޤާނޫނުން ކަނޑުގެ ސަރަޙައްދު ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލީ ޗާޓުތައް ހިއްސާ ކުރައްވާ އާޒިމާ ވިދާޅުވީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މިހާ ސާފުކޮށް އެނގެންއޮއްވާ ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅުން ޔުނީފޯމްގައި ނުކުންނަވާ މިއީ ނޭނގޭ ކަމެއްކަމަށް ވިދާޅުވުމުން މި ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކޮށްފާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، މިއަދު ދިވެހި އަސްކަރިއްޔާގެ އިތުބާރު ގެއްލިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ދަޢުލަތުގެ ބަންޑާރަ ނައިބަކު މިފަދަ ނިންމުމެއްގައި އިސްކޮށް ހުންނެވި ހުންނެވުން ބަލައިނުގަނެވޭނެ ކަމާއި، ގެއްލުވާލި ސަރަޙައްދު ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ޤައުމަކުން ކަމަށާއި، މިފަދައިން ކަނޑު ވިއްކާލީ ބޭރުގެ ޤައުމެއްގެ ނުފޫޒުގެ ސަބަބުންކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެގޮތުން އުމަރު ވިދާޅުވީ ކަނޑު ބޮޑު ބައެއް ދޫކޮށްލީ، ކޮން ޤައުމެއްގެ ނުފޫޒުންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ”ކަނޑުގެ ބައެއް ދޫކޮށްލީ ކޮން ބިރިޔާނީއެއް ކައިގެން ހެއްޔޭ؟ ކަނޑުގެ ބައެއް ދޫކޮށްލީ ބިރިޔާނީ ކައިގެންކަން އެނގޭ“ އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލުމާ ގުޅިގެން އެދުވަހުގައި ސަރުކާރުގެ ވެރިން ނުކުމެވަޑައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ގައިގައި ބައްދައި މަރުހަބާ ވިދާޅުވެ، ރާއްޖެއަށް ބޮޑު ބައެއް ލިބުނުކަމަށް ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ދިވެހިންގެ އަތުން 44 ހާސް އަކަ ކިލޯމީޓަރު ގެއްލިގެން ދިއުން ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ދެން އަންނަ ސަރުކާރަކުން ފޯޅަވަހި ދިވެހި ދަޢުލަތަށް ނެގުމަށް އެތަނުގެ މައްޗަށް ދަޢުވާކުރާނެ ކަމަށް ވިދާޅުވަމުން އުމަރު ވަނީ ޤައުމެއްގެ ވެރިކަމަށް ފުށްގަނޑެއްހެން މޮޑެވޭ ވެރިން އައުމުން ބާރުގަދަ ޤައުމުތަކުން އެވެރިން މޮޑޭނެކަމުގައި ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުގެ ތަފާތު ބަޔާންކޮށްދެއްވަމުން އުމަރު ވިދާޅުވީ ރައީސް އިބްރާހީމް ނާސިރުގެ ޒަމާނުން ފެށިގެން ރާއްޖޭގެ އެއްވެސް ވެރިޔަކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދެއް ދޫކޮށްފައިނުވާ ކަމަށެވެ. ކޮންމެ ވެރިކަމެއް އޮތް ނަމަވެސް ނިކުންނާނީ އެއް ނަތީޖާއެއްކަމަށް އެމްޑީޕީ މެންބަރުން ދައްކަވާ ވާހަކަފުޅަށް ރައްދުދެއްވަމުން އުމަރު ވިދާޅުވީ ކުރީގެ ރައީސުންކުރެ އެއްވެސް ބޭފުޅަކު ޗާގޮސްއަކީ އަދި އެތަނާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދަކީ މޮރިޝަސްގެ ސަރަހައްދެއްކަމަށް އެއްބަސްވެވަޑައިގެންފައިނުވާ ކަމަށެވެ. އުމަރު ވިދާޅުވީ ދިވެހިންގެ އަތުން ގެއްލުނު ކަނޑު އިރާދަކުރެއްވިއްޔާ ހޯދާނެ ކަމަށާއި، އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސިޓީ ބާޠިލް ކުރާނެ ކަމަށެވެ.

ރޭގެ ބޮޑު ޖަލްސާގެ ތެރެއިން

ރައީސް ނަޝީދު ތަމްސީލް ކުރައްވާ ފިކުރެއްގެ ދިރުމުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ޗާގޯސް މައްސަލާއިގައި އެތައްހާސް އަހަރުވީ ދިވެހި ފަސްގަނޑަށް ދިވެހި ރާއްޖެއަށް އުނިކަން ލިބޭގޮތަށް ނުރައްކާތެރި ނިންމުމެއް މިސަރުކާރުން ނިންމާފައިވާކަމަށެވެ. އެހެން ކަމުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ހުންނެވީ ދިވެހި ޤައުމަށް ޤައްދާރުވެގެން ކަމަށާއި، ޚިޔާނާތްތެރި ވެގެން ކަމަށާއި، 98 ދުވަސް ފަހުން މިވެރިކަން ބަދަލުކުރާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

މީގެ އިތުރަށް ވައްޑެ ވިދާޅުވީ ކަނޑުގެ މައްސަލައާއި ރައީސް އިބްރާހިމްގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތުގައި މި އިއްތިހާދު ތިބޭނީ އެކުގައި ކަމަށާއި، މިވާހަކަ ރައީސް ޔާމީންއަށްވެސް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ދެެއްކެންޖެހޭނެ ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މަސްވެރިއެއް ކަމަށްވާ ހަލީމްވެސް ވަނީ މިސަރުކާރުން މަސްވެރިންނަށް ޖެއްސި ނިކަމެތި ހާލުގެ ވާހަކަ އާއި ދިވެހި މަސްކަނޑު ވިއްކާލުމަކީ ޤައުމެއްގެ ހަޔާތުގަ ދެވޭނެ އެންމެ ނިކަމެތިކަމުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިސަރުކާރު މިހިނދުން މިހިނދަށް ބަދަލުކުރަން ޖެހޭކަމަށް ހަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިންގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހި މަސްކަނޑުން ބައެއް ގެއްލުމަކީ ދިވެހި ޤައުމުގެ ޝަރަފާ ކަރާމާތާއި ގުޅިފައިވާ ކަމެއް ކަމަށާއި، ރައީސް އިބްރާހިމްގެ ސަރުކާރު ދިވެހި ތާރީޚުގަ ލިޔާނީ ދިވެހި ޤައުމަށް އެންމެބޮޑު ޚިޔާނާތެއްވެ ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައި ކަމަށެވެ.

އަލީ ޙުސައިން ވިދާޅުވީ އިޓްލޮސްގެ މައްސަލައާއި ހިސާބުން އަދި ކަރު އެލުވާލަން ނުޖެހޭ ކަމަށާއި، އުންމީދު ކަނޑާލަން ނުޖެހޭ ކަމަށެވެ. މިކަމުގައި ކުރަން ލައްކަ މަސައްކަތް އެބަހުރިކަމަށާއި އިރާދަކުރެއްވިއްޔާ އެކަން ކުރާނެ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފޯޅަވަހި މައްސަލާގައި ގުޅިފައިވާ ހުރިހާ ސިޔާސީ ފަރާތްތަކެއް ގުޅިގެން ފެށި މަސައްކަތަކީ ފެށުމެއް ކަމަށާއި އެ މަސައްކަތް ނިންމާނީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސަރުކާރު ބަދަލު ކޮށްފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ދިވެހި މަސްކަނޑުން ގެއްލުނު ބައި ދިވެހިންނަށް ހޯދޭނީ ވެރިކަން ބަދަލު ކޮށްގެން ކަމަށެވެ. އަދުރޭ ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތަކުން ގުޅިގެން ރައީސް އިބްރާހިމްގެ ސަރުކާރު ބަދަލުކުރައްވާނެ ކަމަށެވެ. އަދި ދިވެހި ކަނޑުން ގެއްލިގެން ދިޔަ ބައި ދެން އަންނަ ސަރުކާރެއްގައި ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެތައްހާސް ރައްޔިތުން ބައިވެރިވެ ޝުއޫރުފާޅުކުރައްވާ އަޑު އުފުލާފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދިވެހި ކަނޑު ވިއްކާލި މައްސަލައިގައި ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ޕެޓިޝަންގައި ސޮއި ކުރުުމުގެ ޙަރަކާތެއް މުޅި ރާއްޖޭގައި ދަނީ ކުރިއަށް ގެންދަމުންނެވެ. އެ ޕެޓިޝަންގައި މިހާތަނަށް 60،000 ވުރެ ގިނަ ރައްޔިތުން ވަނީ ސޮއި ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button