ޚަބަރުސިޔާސީ

ގާބިލް މީހުން ނެތްކަމަށް ބުނެ ދަސްވާރު ހުއްޓުވާލިއިރު، ދައުރު ނިމޭއިރުވެސް ގާބިލް މީހުން ލައިގެން އެފަދަ އެހެން ޕްރޮގްރާމެއް ދަރިވަރުންނަށް ނުގެނެވުނު: ޝިޔާމް

ގާބިލް މީހުން ނެތްކަމަށް ބުނެ ދަސްވާރު ހުއްޓުވާލިއިރު، ދައުރު ނިމޭއިރުވެސް ގާބިލް މީހުން ލައިގެން އެފަދަ އެހެން ޕްރޮގްރާމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަރިވަރުންނަށް ނުގެނެވުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިފަދައިން ވިދާޅުވީ ދަސްވާރު ޕްރޮގްރާމަކީ ނަމަކަށް ކަމެއް ކުރާގޮތަށް ކޮށްފަ އޮތް ކަމެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ މިއަދުގެ މަޖިލީހުގައި ހާމަކުރެއްވުމާ ގުޅިގެންނެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި ދަސްވާރު ޕްރޮގްރާމް ފަދަ ވޮކޭޝަނަލް ޓްރެއިނިންގ އަކީ ދަރިވަރުން ހަވާސާއިން ބޭރުވެދިޔަނުދީ ހިފެހެއްޓުމަށް މުހިންމު ޕްރޮގްރާމެކެވެ.

”ވަޒީރު ދެންމެ އެ ވިދާޅުވީ އޭރު ސެޓިފައިކުރުމުގެ މަސައްކަތް ކުރީ ގާބިލް މީހުނެއް ނޫނޭ. ފަސް އަހަރުވީ އަދިވެސް ވަޒީރަށް ފެނިވަޑައެއް ނުގަންނަވާ ވޮކޭޝަނަލް ޓްރެއިނިން ދީގެން ކުއްޖަކު ސެޓިފައި ކުރެވޭ ވަރު އިންސްޓްރަކްޓަރެއް ނުވަތަ ޓީޗަރެއް ނުފެނިގެން މިއުޅެނީ. ތިމަންނަމެން އެޒާތުގެ އެހެން ޕްރޮގްރާމެއް އެބަ ފަށަމޭ. އެރާގު އަޑުއިވޭތާ 5 އަހަރު ވީ.“ ޝިޔާމް ވިދާޅުވިއެވެ.

މެންބަރު ޝިޔާމް ހާމަކުރެއްވިގޮތުގައި މިއީ ތައުލީ ނިޒާމުގައި ކުދިން ބާކީވަމުން އަންނަ ދައުރެކެވެ. އަދި ބާކީވާ ނިޒާމެއް ބަދަލުކުރަންޖެހޭ ކަމަށާއި، ދެން ބާކީ ވާނީ ރައީސް ސޯލިހު ކަމަށާއި، ދަރިވަރުން ދެން ބާކީ ނުވާނެ ކަމަށާއި، އަންނަ ސެޕްޓެމްބަރު މަހުގެ9 ވަނަ ދުވަހު އައު ރައީސަކު ހޮވަން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުންވެސް ރައީސް ސޯލިހު ބާކީވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަސްވާރު ޕްރޮގްރާމް ހުއްޓާލީ ކީއްވެތޯ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އެ ޕްރޮގްރާމުގައި ބައިވެރިވެގެން ސެޓްފިކެޓް ދޭން ޖެހޭ ކުދިންނަށް އެއްވެސް ގޮތަކަށް ސެޓްފިކެޓް ދޭން ހަޔަރ އެޑިއުކޭޝަނުން އެއްބަސް ނުވީ ކަމުގައެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ އެއީ އުސޫލުތަކާ ހިލާފަށް އެ ޕްރޮގްރާމުގެ ކަންކަން ކުރިޔަށް ގޮސްފައި އޮތުމުންނެވެ.

ދަސްވާރަކީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ބައިވެރިވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button