މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސާޗުން ހުޅުވައިލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވިގޮތުގައި އެ ޕްރޮގްރާމްގެ މަގްސަދަކީ ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ އެ ދާއިރާއިން މީހުން ބިނާކުރުމުވެ.
ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެމަހުގެ 21 ގެ ނިލަޔަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކޯސް ހިންގާނީ ކ.މަނިޔަފުއްޓާގައެވެ. އަދި މާލެ އާއި އެެރަށާއި ދެމެދު ކުރާ ދަތުރުތަކާއި، ހުރުމާއި ކެއުމުގެ ހަރަދުވެސް ހަމަޖައްސާނީ މިނިސްޓްރީންނެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14.00ގެ ކުރިން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނާ އެއްކޮށް އެއް ކަރުދާސް ކުރެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއާ އެކު ހުށަހަޅަން ޖެހެއެވެ. އަދި info@mmri.gov.mv އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެ.
މިނިސްޓްރީން ވިދާޅުވީ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމުގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ ހަރަކާތްތަކުގެ ތެރެއިން ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތާއި، އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުން ހިމަނާފައިވެއެވެ. އެގޮތުން އެ ޕްރޮގްރާމް ފެށުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ފެށި މި މަސައްކަތާއެކު ހަފްތާ 14 ގައި ހިމަނާފައިވާ މި ލަނޑުދަނޑި ހާސިލް ކުރެވިގެންދާނެކަން އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ”ބޮންތި“ އަށް އިތުރު ތަފްސީލް ދެއްވަމުން ވިދާޅުވިއެވެ.