
ދަސްވާރު ޕްރޮގްރާމަކީ ނަމަކަށް ކަމެއް ކުރާގޮތަށް ކޮށްފަ އޮތް ކަމެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ޕްރޮގްރާމް ހުއްޓާލީ ކީއްވެތޯ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އެ ޕްރޮގްރާމުގައި ބައިވެރިވެގެން ސެޓްފިކެޓް ދޭން ޖެހޭ ކުދިންނަށް އެއްވެސް ގޮތަކަށް ސެޓްފިކެޓް ދޭން ހަޔަރ އެޑިއުކޭޝަނުން އެއްބަސް ނުވީ ކަމުގައެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ އެއީ އުސޫލުތަކާ ހިލާފަށް އެ ޕްރޮގްރާމުގެ ކަންކަން ކުރިޔަށް ގޮސްފައި އޮތުމުންނެވެ.
”ދަސްވާރު ކިޔަވައިދޭ އިންސްޓްރަކްޓަރ ވާންޖެހޭނީ ވަކިވަރެއްގެ ކޮލިފިކޭޝަނެއް ހުންނަ ބޭފުޅަކަށް. ނަމަކަށް ކަމެއް ކުރާގޮތަށް ހަމަ ކޮންމެ މީހެއް ލައްވާ އަދި އެއްޗެއް ކިޔަވައިދިނޭ ކިޔާފަ ކިޔަވައިދިނަސް އަޅުގަނޑުމެނަށް ސެޓްފިކެޓް ދޭނެ އުސޫލެއް ނޯވޭ. އެހެންވެ އެ ޕްރޮގްރާމް ކުރިޔަށް ނުގެންދެވޭނެތީ އަޅުގަނޑުމެން ހުއްޓާލީ.“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި އެއީ ކުދިން ބާކީ ކުރުމަށް ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ތައުލީމީ ދާއިރާގެ ޓެކްނިކަލް ބޭފުޅުން ލަފާދެއްވާފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ހަގީގީ5 މާއްދާ ސްކޫލުގައި ކިޔެވުމަށްފަހު ދަރިވަރުން އިމްތިހާނުގައި ބައިވެރިވާގޮތަށް މަޖުބޫރުކޮށްފައިވާ ކަމުގައެވެ.
”އަޅުގަނޑުމެނަށް އެނގޭ ޕަސެންޓޭޖު ދަށްވާނެކަން. އެފެންނަ ޕަސެންޓޭޖަކަށް ނޫން ބަލަނީ. އަޅުގަނޑުމެން ބަލަނީ ދަރިވަރަށް އަޅުގަނޑުމެނަށް އެ ފޯރުކޮށްދެވޭ ހިދުމަތަށް.“ މިނިސްޓަރ ވިދާޅުވިއެވެ.
އެކަމަކު ޕްރޮގްރާމެއް ހުއްޓުވުމަށްފަހު ދަރިވަރަށް ފޯރުކޮށްދެނީ ކޮން ހިދުމަތެއްކަން މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.
”ދަސްވާރު ކަހަލަ ޕްރޮގްރާމެއް ނުން މިގެންދަނީ. ކުދިން ބާކީކޮށްގެން ގްރޭޑް8 ނިންމާއިރު ނުބުނަން އާނ މީނައަކަށް ނުކިޔެވޭނެއެކޭ. ވޮކޭޝަނަލް ކޯހަކަށް ދާށޭ. މިހާރު މިކަންތައް ކުރާގޮތަކީ ފައުންޑޭޝަން ލެވެލުން ފެށިގެން ހަމަ އެކުއްޖާ10 އާ ހަމައަށް ދަންދެން މަސައްކަތްތެރި ކަމުގެ ކޯހެއް ކިޔަވާނެ. އެހެންވީމަ ސްކޫލުން ނިކުންނައިރު އެކެޑެމިކަލީ5 މާއްދާގެ އިތުރުން ކޮންމެވެސް ކަހަލަ މަސައްކަތެއް ދަސްވެފަ ހުންނާނެ.“ މިނިސްޓަރ ވިދާޅުވިއެވެ.
ކޯހުގެ އިތުރު ތަފްސީލް ނުދެއްވިނަމަވެސް މިނިސްޓަރ ވަނީ ތައުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ގެނައުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރައްވާކަން ހާމަކުރައްވާފައެވެ.
ދަސްވާރަކީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ބައިވެރިވިއެވެ.