ކަނޑުން ބައެއް ވިއްކާލުމުން ރައީސަށް ހުށަހަޅާ ޕެޓިޝަންގައި ސޮއިކުރަން ފަށައިފި
ދިވެހިރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ގެއްލުމާ ގުޅިގެން ”ކަނޑު ވިއްކާލުމާ ދެކޮޅު“ އިއްތިހާދުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙަށް އަރުވާ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މީގެއިތުރުން ޗާގޯސް މައްސަލައިގައި ރާއްޖޭގެ މަސްކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދަން މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށަހަޅާފައެވެ. މި ގަރާރު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.
އެ ގަރާރުގައި ވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ މަސްވެރިކަމުން ކެއިންބުއިމާއި އަސާސީ ބޭނުންތައް ފުއްދަމުން އައި ބައެއް ކަމަށާއި އިގްތިސޯދީ ސަރަހައްދުން 200 ނޯޓިކަލް މޭލު ބޭރަށް ނުކުމެވޭ ވަރަށް ބޮޑެތި އޮޑިދޯނިފަހަރު އުފައްދާފައިވާ ކަމަަށެވެ.
ނަމަވެސް އައްޑޫ ދެކުނުން އޮންނަ މަސްކަނޑުން 45،331 އަކަކިލޯމީޓަރު ރާއްޖެއަށް ގެއްލޭގޮތަށް އިޓްލޮސްއިން ނިންމިއިރު ދިވެހި ސަރުކާރުން ދިވެހި މަސްކަނޑުގެ ދިފާޢުގައި ނުނިކުންނަ ކަމަށް އެ ގަރާރުގައި ފާހަގަ ކުރިއެވެ.
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ.