ޚަބަރު

ޑރ. މުޢިއްޒުގެ މައްޗަށް ދަޢުލަތުން އުފުލި ދަޢުވާ ސާބިތެއްނުވި

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ދަޢުލަތުން ކުރި ދޮގު ބަޔާނެއް ދެއްވާފައިވާ ކަމުގެ ސިޔާސީ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބަޔާނެއް ދެއްވާފައިވާކަމަށް ތުހުމަތުކޮށް ޑރ. މުޢިއްޒުގެ މައްޗަށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލާގައި ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް 155 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާފައެވެ. އަދި އާބިޓްރޭޝަނާއި ގުޅޭ އިތުރު ޚަރަދުތައް ހޯދަންވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ނޫމަޑިން ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ރައީސް އިބްރާހީމްގެ ސަރުކާރުން ނޫމަޑިއަށް ދީފައިވާކަމަށް އަޑު ފެތުރިގެން ދިޔައެވެ. އަދި މި މައްސަލާގައި ނޫމަޑިން ހޯދަން ހުށަހެޅި 155 މިލިއަން ޑޮލަރުގެ ބަދަލުގައި ފަހުން ސަރުކާރާއިއެކު އެއްބަސްވެފައިވަނީ 55 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ ނޫމަޑިން ބަދަލުގެ ގޮތުގައި އެދުނުވަރަށްވުރެ 3 ގުނަ ކުޑައަދަދެކެވެ. އަދި މިކަންކޮށްފައިވަނީވެސް ކޮވިޑްގެ ދަތި ދުވަސްވަރުގައި ކޯޓުންބޭރުން ކަމަށް މައުލޫމާތުލިބެއެވެ.

މި މައްސަލާގައި ނޫމަޑިއާއި އެކު ސިއްރު ޑީލެއްގެ ދަށުން އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ބައިއަޅާފައިވާ ކަމާއި މިފަދަ އެކިކަހަލަ ތުހުމަތުތަކެއް އަމާޒުވެގެންދިޔައެވެ.

މިއާއިއެކު ސަރުކާރުން މިމައްސަލައިގައި ޑރ. މުޢިއްޒުގެ މައްޗަށް ތަޙުޤީޤެއް ހިންގުމަށް އަވަސްވެގަތެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމަނިކުފާނު މާލެސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ފޯމު ހުށަހެއްޅުއްވި ހިސާބުން ފުލުހުންގެ ތަޙުޤީޤަށް ހާޒިރު ކުރިއެވެ. އެހިސާބުން ގިނަ ބަޔަކު މިހާތަނަށްވެސް ބުނަމުން އައީ ޑރ.މުޢިއްޒުގެ މައްޗަށް ދަޢުލަތުން ކުރަމުންދަނީ ސިޔާސީ ދަޢުވާތަކެއް ކަމަށާއި، އެކަމުގައި އެއްވެސް އޮށްޓަރެއް ނެތްކަމަށެވެ.

ޝަރީޢަތުގެ މަރުޙަލާގައި ދަޢުލަތުގެ ފަރާތުން ބުނީ އާބިޓްރޭޝަންގައި ޑރ.މުޢިއްޒު ވާހަކަ ދެއްކެވީ ފެންނަން އޮތް ޙަޤީޤަތެއް އޮޅުވާލައިގެން އިބާރަތް ކޮށްގެންކަމަށާއި، ހައުސިންގް ޔުނިޓްގެ މަޝްރޫޢުއާއި ގުޅިގެން، ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި އެއްބަސް ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013 ގައި އެއްބަސްވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ޑރ.މުޢިއްޒު ވިދާޅުވިކަމަށް ދަޢުލަތުން ބުނެފައިވެއެވެ.

އެހެންނަމަވެސް ނޫމަޑި މައްސަލާގައި ދަޢުލަތުން ކޮށްފައިވާ ދަޢުވާއަށް ޑރ.މުޢިއްޒު ވަނީ އިންކާރުކުރައްވާފައެވެ.

މައްސަލައިގެ ޙުކުމުގައި ޣާޒީ ފާހަގަކުރެއްވީ ސުޕްރީމް ކޯޓުން މީގެކުރިން ނިންމި ޣަޒިއްޔާއެއްގައި ލިޔެކިޔުން ހުށަހެޅި ފަރާތުން ހުށަހަޅާ ލިޔުމެއް އަނެއް ހަސްމު އިންކާރުކުރާ ޙާލަތުގައި އެ ލިޔުންތަކުގެ ސައްޚަކަން ކަށަވަރުކުރުމަކީ ލިޔެކިޔުން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

އެހެންނަމަވެސް މި މައްސަލައިގައި ހުށަހެޅިފައިވާ ވިޓްނަސް ސްޓޭޓްމަންޓަކީ ޑރ.މުޢިއްޒު ދިން ބަޔާނެއްކަން އަދި އޭގައިވާ ސޮޔަކީ ޑރ.މުޢިއްޒުގެ ސޮއިކަން ކަށަވަރު ކުރުމަށް ދަޢުލަތުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާއިރު، ޑރ.މުޢިއްޒު ގެ ވިޓްނަސް ސްޓޭޓްމަންޓެއްކަން އެކަށީގެންވާ މިންވަރަށް ދަޢުލަތަށް ޔަޤީން ކޮށްދެވިފައި ނުވާކަމަށެވެ. އަދި މިކަމާ ގުޅޭ އީވައިސީގެ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބަލާއިރު، އެ ބައްދަލުވުމުގައި ޑރ.މުޢިއްޒު އަދާކުރެއްވި ދައުރެއްވެސް، އަދި ދެއްކެވި ވާހަކައެއްވެސް ފެންނަން ނެތް ކަމަށާއި، އޭގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ އެއްވެސް ނެތްކަމަށް ޣާޒީ ވިދާޅުވިއެވެ.

މި ކަންކަމަށް ރިޢާޔަތް ކުރަށްވާ ޣާޒީ ވަނީ މި މައްސަލައިގައި ހުށައެޅިފައިވާ ދަޢުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ނިންމަވާ ޑރ. މުޢިއްޒުގެ މައްޗަށް ދަޢުލަތުން އުފުލި ދަޢުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާފައެވެ.

ނޫމަޑި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ޙުކުމް ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖްލީހުގައި މައްސަލަ ބެއްލެވި ޣާޒީ ސޮފްވަތު ޙަބީބުއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button