ޚަބަރުސިޔާސީ

ބަންޑާރަ ނައިބު ރިފްޢަތު ކަރުގައި އަޅުވަންވީ މާފައްޗެއް: މަޚްލޫފް

ޗާގޯސް މައްސަލާގައި ބަންޑާރަނައިބު ރިފްޢަތުގެ ކަރުގައި މާފައްޗެއް އަޅުވަންޖެހޭކަމަށް ޔޫތުމިނިސްޓަރ އަހުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ގެއްލޭގޮތަށް ޗާގޯސް މައްސަލައިގައި އިޓްލޮސްއިން ކުރި ޙުކުމާއި ގުޅިގެން ބަންޑާރަނައިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

މިކަމާ ގުޅުވާ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގަ ރާއްޖެއަށް ލިބުނީ ބޮޑު ކާމިޔާބެއް ކަމަށާއި، ލިބުނީ ބޮޑު ބައެއް ކަމަށެވެ. އަދި މޮރީޝަސްގެ މައްޗަށް ގަދަވީ މިކުޑަކުޑަ ދިވެހި ރާއްޖެ ކަމަށާއި ޙަޤީޤަތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެތި، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަކީ ޗާގޯސް މައްސަލައިގަ ކުޅެނީ ޑްރާމާއެއްކަން އިތުރަށް ރައްޔިތުންނަށް ޔަޤީންވާކަމެއް ކަމަށެވެ.

ޗާގޯސް މައްސަލާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕް ގެ ފަރާތުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ދެކުނުގެ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންގެ އިތުރުން ކަމާއިގުޅުންހުރި އެހެން ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށާއި އެގޮތުން ބަންޑާރަ ނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

ސަލީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހެޅުމުގެ މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަންވެސް މަސައްކަތް ކުރަމުންދާކަމަށާއި، އެމަސައްކަތް ކުރަމުންދަނީ ރާއްޖޭގައި މިހާރު އޮތް ގިނަ ޕާތީތަކުގެ އެއްބާރުލުމާއެކުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން 2022 ވަނަ އަހަރުގެ އޮކްޓޯބަރ  މަހުގެ 20 ވަނަދުވަހު ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު އެކަން ޢިއުލާން ކުރެއްވުމާ ގުޅިގެން އޭނާ މަޤާމުން ދުރުކުރަން ޖެހޭ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވަނީ އޭރު ވިދާޅުވެފައެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ.

އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލޭނެއެވެ.މި މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ރާއްޖޭގެ ޤާނޫނީ ދާއިރާގެ ގިނަ ފަރާތްތަކުގެ އިތުރުން އާއްމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button