ޚަބަރު

ބަންޑާރަނައިބު އެމްޑީޕީއާ ދެކޮޅަށް ސުޕްރީމްކޯޓަށް

ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް އެމްޑީޕީން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރެއްވުމުން މަސްލަހަތު ފުށުއަރާނެކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފު ވިދާޅުވެއްޖެއެވެ.

ނޮވެންބަރު 6ވަނަ ދުވަހު ކޯޓުގައި ފެށޭ އަޑުއެހުންތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭގޮތް ނުވުމުގެ ސަބަބުން އެމްޑީޕީއާއި މަޖިލީހުގެ އިދާރާއާމެދު ޚިޔާލު ތަފާތުވުން އުފެދިގެން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތަކެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީންނެވެ. އެއީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޑުޖެހުމުންނެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ޤަރާރެއް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ މަޖިލީހުގެ ނައިބު ރައީސްއެވެ. ނައިބުރައީސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި މަޖިލީހުގެ އިދާރާއިން ބުރަވަނީ މަޖިލީހުގެ ނައިބު ރައީސް ނޫން ބޭފުޅަކަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހިންގާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީން މި މައްސަލައިގައި ބުރަވަނީ ޤަވާއިދުގައި ބަޔާންކުރާ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އެ މައްސަލައިގައި މަޖިލިސް ތަމްސީލުކުރައްވާނީ ބަންޑާރަނައިބެވެ.

އިއްޔެ ބޭއްވި ދި ޑިމޮކްރެޓްސްގެ ކައުންސިލު ބައްދަލުވުމުގައި ޙަސަން ލަތީފް ފާހަގަކުރެއްވީ އެ މައްސަލާގައި މަޖިލިސް ތަމްސީލުކުރައްވަން ރިފްއަތު ވަޑައިގަންނަވާއިރު އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައަކާއި ސުލޫކީ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި އޮތް ކަމަށެވެ.

ހަސަން ވިދާޅުވާ ގޮތުގައި ”ރައްޔިތުންގެ މަޖިލީހުގައި ހުރި ބަންޑާރަނައިބުގެ މައްސަލަތަކުގެ އިތުރުން ބަންޑާރަނައިބުވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އަމަލީ ގޮތުން އެމްޑީޕީއާއެކު މަސައްކަތްކުރައްވާފައި. އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އެއޮތީ. އިންތިޚާބުން ރައީސް އިބްރާހީމް ބަލިވެވަޑައިގަންނަވަންދެން އެމްޑީޕީއާއެކު ބަންޑާރަނައިބު ހުންނެވުމަށްފަހު، އެމްޑީޕީއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާ އެއްކޮޅަށް ވަޑައިގަންނަވާއިރު، މަޖިލީހުގައި ބަންޑާރަނައިބުގެ މައްސަލަތަކެއް ހުރިކަން މިހުރީ ފެންނަން. ވަރަށް ބޮޑު ކޮންފްލިކްޓް އޮފް އިންޓެރެސްޓެއް އެބައޮތް،“ ކަމަށެވެ.

 

މައްސަލަތައް ފެށުމުގެ ކުރިން ތަދައްޚުލުވުމުގެ އިތުރަށް، މައްސަލައެއް ކުރިއަށްދަނިކޮށް ތަދައްޚުލުވުމަކީ ސުޕްރީމް ކޯޓާއި ރާއްޖޭގެ އެހެނިހެން ކޯޓުތަކުގައި ވެސް އަމަލު ކުރަމުންދާ އުސޫލެއް ކަމަށާއި މާދަމާ އޮންނަ އަޑުއެހުމަށް ތަދައްޚުލު ނުވެވުނަސް ފަހުން އެ މައްސަލައަށް ތަދައްޚުލު ވެވޭނެ ކަމަށް ހަސަން ވިދާޅުވެފައިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button