ޚަބަރު

ހައި ކޯޓަށް ފަނޑިޔާރެއް ހޯދަން އިއުލާނުކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރެއްވުމުން، ހުސްވެފައިވާ މަގާމަށް ފަނޑިޔާރެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ނުހައްގުން 11 އަހަރުގެ ޖަލުހުކުމެއް އިއްވި ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރެއްވުމަށް ހުށަހަޅާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުން ސަރުކާރު ބަލިވުމާގުޅިގެންނެވެ. ރިޓަޔަކުރައްވާ ސަބަބެއްކަމަށް ހުށަހަޅުއްވާފައިވަނީ އާލާސްކަންފުޅާ އުޅުއްވާތީއެވެ.

ޝަކީލުގެ ހުށަހެޅުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައިގެންފައި ވަނީ މިދިޔަ ހަފްތާގައެވެ. ޖޭއެސްސީން މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަކީލު ރިޓަޔާކުރައްވަނީ ހިތުގެ ބައްޔެއް ކަމަށްވާ ’ސިކް ސައިނަސް ސިންޑްރޯމް‘ ތަހައްމަލް ކުރައްވަމުން ގެންދަވާތީއެވެ.

ހުސްވެފައިވާ މަގާމަށް އެ ކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ވާގޮތުން އެ މަގާމަށް އެދި ކުރިމަތިލާން ހުށަހަޅާނީ، އެ ކޮމިޝަނުގެ ’ފަހިރެސް ޕޯޓަލް‘ މެދުވެރިކޮށެވެ. މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ނޮވެންބަރު 12ވަނަ ދުވަހުއެވެ.

 

ހައި ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، މެޑިކަލް އިންޝުއަރެންސްއާއި ފޯނު އެލަވަންސް ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button