
ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުގެ އިތުބާރުނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް އޭނާއަށް 30 މިނެޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.
ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް ގެއްލޭގޮތަށް ނިންމި ނިންމުމާއި ގުޅިގެން 13 މެންބަރުންގެ ސޮޔާ އެކު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދައިފައެވެ.
އެއީ ދެ ގަޑިއިރުގެ ބަހުސް ފެށުމުގެ ގޮތުން 10 މިނެޓާއި ބަހުސްގެ މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިންމާލުއެކު 10 މިނެޓްގެ ފުރުސަތެއް ރިފްޢަތަަށް ދިނުމަށެވެ. ދެން އޮތް އެއްގަޑިއިރާ 30 މިނެޓްގެ ވަގުތުގައި މެންބަރުންނަށް ވަގުތު ދެއްވުމަށް ވެސް ހުށަހެޅުއްވިއެވެ. މިނިންމުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްވެފައެވެ.
މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރާނެ ދުވަހެއް މެންބަރުންނަށް ފަހުން އަންގަވާނެ ކަމަށެވެ.