ޚަބަރު

ރިފްޢަތުގެ އިތުބާރުނެތް ކަމުގެ ވޯޓު ކާމިޔާބުވިޔަ ނުދޭނަން: އެމްޑީޕީ

ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތުގެ އަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އޭނާ އާއި ދެކޮޅަށް ގުޅިފައިވާ އިއްތިހާދުން މަޖިލީހަށް ވައްދާފައިވާ އިތުބާރުނެއްކަމުގެ ވޯޓު ކާމިޔާބުވިޔަ ނުދޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީއިން ބުނީ ޤައުމުގެ ދިފާޢުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ކުރައްވާފައި ވަނީ ތަޢުރީފް ޙައްޤު ޒިންމާދާރު މަސައްކަތްތަކެއް ކަމަށެވެ. އަދި ރިފްޢަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އެޕާޓީން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ޙަރަކާތްތަކުގައި އެމްޑީޕީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެވެ. އަދި އެމްޑީޕީގެ ޢަސާސީ ޤަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ޤަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ޙަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަޙަދެއް އޮތްކަމަށް ބުނެ މޮރީޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދިވެހި ދަޢުލަތުގެ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަޙަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީ ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޗާގޯސް މައްސަލާގައި އިދިކޮޅު ޕާޓީތަކުން އުފައްދާފައިވާ އިއްތިހާދުން ވަނީ ހުށަހަޅާފައެވެ. މި އިއްތިހާދުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފިކުރެއްގެ ދިރުމާއި، ޖުމްހޫރީ ޕާޓީ އާއި އަދި އެމްއެންޕީ ގެ އިތުރުން އެމްއާރުއެމްވެސް ހިމެނެއެވެ.

ޗާގޯސް މައްސަލާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕް ގެ ފަރާތުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ދެކުނުގެ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންގެ އިތުރުން ކަމާއިގުޅުންހުރި އެހެން ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށާއި އެގޮތުން ބަންޑާރަ ނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި އިތުރު ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހެޅުމުގެ މަސައްކަތް ކުރާނެކަމަށާއި، އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަންވެސް މަސައްކަތް ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button