އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން ފެށުމުގެ ކުރިން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ ކޮރަޕްޝަން މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ”ބޮންތި“ އަށް އެނގިއްޖެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އޭސީސީގެ އޮފިޝަލެއްގެ ފަރާތުން އެނގިފައިވާގޮތުގައި ބަންޑާރަ ނައިބު ރިފްއަތަށް އެ ކޮމިޝަނުން ވަނީ، ކޮމިޝަނަށް ހާޒިރުވުމުގެ ޗިޓު ފޮނުވާފައެވެ.
”އެއީ ހަނދާންވާގޮތުން މިމަހުގެ 28 ނޫނީ 29 ކަން ނޭނގެ. ނޯޓިސް ފޮނުވާފަ ވާނީ. އޭރު މެންބަރުން ވަކި ކުރަން ނުވެސް ފަށާ. އޭ ޔަގީން ކަމެއް.“ އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އޭސީސީގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން އެކަން ދޮގެއް ނުކުރެއެވެ.
މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ބުނެ އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން ކުރިޔަށް ގެންދިޔައިރު، އެ ކޮމެޓީއިން މިމަހުގެ 22 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނުސީދާގޮތަކަށް މިކަމާ ގުޅުން ހުރި ވާހަކަތަކެއް ދެކެވުނެވެ.
އެގޮތުން އޭސީސީއިން އުސޫލާއި ހިލާފަށް ވަޒީރުންތަކެއްގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ ތިން މެމްބަރެއްގެ ސޮޔާއެކު ކޮމިޓީއަށް ހުށަހެޅި މައްސަލައަށް ރިއާޔަތްކޮށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވާހަކަ ދެއްކެވިއެވެ. އަނދުން ހުސެއިން ވިދާޅުވީ ދައުލަތުގެ ގިނަ ވެރިންތަކެއްގެ އޭސީސީން ނަގަމުން ދާ ކަމުގައެވެ.
”ދައުލަތުގެ ބައެއް މިނިސްޓަރުންވެސް ކުއްލިއަކަށް ހާޒިރު ކުރަން މެސެޖު ފޮނުވާ ހަދާފަ އެބަހުރި.“ އަނދުން ހުސެއިން ވިދާޅުވިއެވެ.
އޭނާ ޑިމާންޑު ކުރެއްވީ އެކަން ހުއްޓުވަން ކޮމެޓީން އޭސީސީއަށް ސިޓީއެއް ފޮނުވުމަށެވެ. އަދި އެ ހުށަހެޅުމަށް އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވަނީ ތާއީދު ކުރައްވާފައެވެ. އެކަމަކު ބާރަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އެފަދަ ސިޓީއެއް ފޮނުވުމަކީ އޭސީސީގެ މެންބަރުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ އިހުތިސާސުގެ ތެރޭގައި އޮތް ކަމަކަށް އެޅޭ ހުރަހެއް ކަމުގައެވެ. އަދި އެގޮތަށް ސިޓީއަކުން އެންގުމަކީ ގާނޫނީގޮތުން ކޮމެޓީއަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ނުވަތަ އޭސީސީން އެފަދަ ނޯޓިސް އެއް ފޮނުވުމާ ގުޅިގެން އަދި މިހާތަނަށް އެބޭފުޅާ އެއްޗެކޭ ވިދާޅެއް ނުވެއެވެ.
o no
vagehtha?