ޚަބަރު

މުޖުތަމައުއަށް އެހީވުމަށް އެމްޕީއެލްއިން ހަ ލައްކަ ރުފިޔާގެ ފަންޑެއް

ކޮމިއުނިޓީ ފަންޑްގެ ނަމުގައި މުޖުތަމައުގެ އެކި މަސައްކަތްތަކަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް(އެމްޕީއެލް) އިން ހަ ލައްކަ ރުފިޔާގެ ފަންޑެއް ހަމަޖައްސައިފި އެވެ.

އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް މިއަދު ”ބޮންތި“ އަށް މައުލޫމާތު ދެއްވި ގޮތުގައި އެކަމަށް ފަންޑު ކުރާނީ އަހަރަކު 2 ފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސްގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހު އެކުންފުނިން ވަނީ ހުޅުވާލާފައެވެ. 31 މެއި 2023 ގެ ނިޔަލަށް ކުރިމަތިލެވޭއިރު މިހާތަނަށް އަދި ހުށަހަޅާފައިވަނީ 2 ފަރާތަކުން ކަމަށާއި، ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓިއީއެއް ކުންފުނިން ކަނޑައަޅާފައިވާ ކަން ދާނިޝް ފާހަގަކުރެއްވި އެވެ.

”ފަންޑުގެ ދަށުން އެހީވުމުގައި އދ. ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލް ކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމުގައި އިސްކަންދޭނެ. ޕޮއިންޓް ދިނުމުގައި ވެސް ޔޫއެން ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމުގެ އިތުރުން ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 ޕަސެންޓު ދޭނެ. އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެ. އަޅުގަނޑުމެން ކުންފުނިން މި ފަންޑަށް އަހަރަކު 600،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފަ. އެގޮތުން 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު، އަދި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް ވަނީ ނިންމާފަ. އަޅުގަނޑުމެންގެ ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތައް، ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތައް އަދި ސްކޫލްތަކަށް ކުރިމަތިލެވޭނެ.“ ދާނިޝް ވިދާޅުވިއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން އެމްޕީއެލް އިން ވަކިން ހުޅުވާލި ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިން ވަނީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button