
ރާއްޖޭގައި ރަނގަޅު ފެންވަރުގެ ވިޔަފާރި ބަނދަރެއް އޮތް ނަމަ، ގައުމަށް ވަންނަ އާމްދަނީ މިހާރު ހުންނާނީ މިހާރަށް ވުރެ މަތީގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ، އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
”ވިޔަފާރި ބަނދަރު ތަރައްގީ ނުވެ އޮތުމަކީ، މުޅި ރާއްޖޭގެ އިގްތިސޯދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،“ ރައީސް ވިދާޅުވި އެވެ.
އެހެން ކަންކަން ދިމާވެފައި ވަނީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދުރާލައި ރާވާފައިވާ ޕްލޭނެއް ނެތި، އެ ވަގުތަކު ޖެހޭ ކަމެއް ހައްލުކުރުމަށް ބަނދަރަށް ގެންނަން ޖެހުނު ބަދަލުތައް ގެނައުމުގެ ސަބަބުންނެވެ.
މާލޭގެ ވިޔަފާރި ބަނދަރުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން ކަމަށާއި އޭގެ ސަބަބުން ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އާ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުން، މާލެ ސަރަހައްދުގައި ހުރި ބަނދަރުތަކާއި ގުދަންތައް ގުޅިފަޅަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
އެ ބަދަލާއެކު އިތުރު ފައިދާތަކެއް ވާނެކަން ފާހަގަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މާލޭގެ ތޮއްޖެހިފައިވާ އާބާދީގެ ތެރޭގައި ހިންގާ ސިނާއީ ބޮޑެތި ހަރަކާތްތައް މަދުވުމާއި އަދި މިހާރު މާލޭގައި ހިންގާ ބަނދަރުތަކުގެ ބިންތައް އެހެން ހިދުމަތްތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.