ބަނގުރާ ވިއްކާ ސަފާރީ މައްސަލަ: ރައްޔިތުން ކައުންސިލް ބަންދުކޮށް ފުލުހުންގެ ޓީމެއް އުކުޅަހަށް!

އއ. އުކުޅަހު ބަނދަރުގައި އޮތް ސަފާރީއަކުން ބަނގުރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ބަނދަރުން ނުނެރޭތީ އެ ރަށުގެ ރައްޔިތުން ނުކުމެ ރަށުކައުންސިލްގެ ދޮރު ބަންދު ކޮށްފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ސަފާރީ ބަނދަރުން ނުނެރޭތީ އެ ރަށު ރައްޔިތުން ވަނީ ކައުންސިލްގެ ދޮރުމަތީގައި ޑިންގީއެއް ބާއްވައި ކައުންސިލަށް ވަންނަ ދޮރު ބަންދުކޮށްފައެވެ. އަދި މީގެ އިތުރުން، ރެއިން ފެށިގެން ރައްޔިތުން ވަނީ އެ ރަށުގެ ނެރުވެސް ބަންދުކޮށް މުޒާހަރާކުރަމުންނެވެ.
އެ މައްސަލައާއި ގުޅިގެން މިއަދުގެ ވަގުތެއްގައި އެސްއޯ ފުލުހުންގެ ޓީމެއް އުކުޅަހަށް ގޮސްފައިވާއިރު އެ ކަމާއި ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް ”ވޮއިސް“ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން އެސްއޯ ފުލުހުން އެ ރަށަށް ގޮސްފައިވަނީ ރަށުގެ ނެރު ބަންދު ކުރި މައްސަލަ އާއި ގުޅިގެންނެވެ.
މި މައްސަލާގެ މަޢުލޫމާތު އެނޫހަށް ދެއްވަމުން ”ޒެޑް ކުރޫޒާ“ ނަމަކަށް ކިޔާ އެ ސަފާރީ ބަނދަރުން ނެރުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް އެދި މިހާރު އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ރަށު ރައްޔިތަކު ވަނީ ބުނެފައެވެ. އެހެން ނަމަވެސް، އެއީ މަދަނީ މައްސަލައަކަށް ވުމާއި އެކު، މައްސަލައިގެ ހައްލެއް އެންމެ އަވަހަށްވެސް ލިބެން އޮތީ މި މަހު 14 ގެ ފަހުން ކަމަށް ކޯޓުން މައުލޫމާތު ދެއްވާ ކަމަށް އެފަރާތުން ވިދާޅުވެފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

އުކުޅަހުގެ ބަނދަރަށް އެ ސަފާރީ ވަދެފައިވަނީ އެރަށު ކައުންސިލުން ސަފާރީއަށް ހުއްދަ ނުދެނިސް ކަމާއި މިހާރުވެސް ސަފާރީ ބަނދަރުގައި އޮތީ ކައުންސިލްގެ ހުއްދަ ނެތި ކަމަށް މަޢުލޫމާތު ލިބެއެވެ.