ސަރުކާރު މަޤާމުތަކުގައި ތިއްބެވީ ޚިޔާނާތްތެރި މުޖުރިމުން: ޝެއިޚް ސައުދާން
ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވީ ޤައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިވެފައިވާ ބޮޑެތި މުޖްރިމުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ސައުދާން ސިފަކުރައްވައިފިއެވެ.
ޝެއިޚް ސައުދާން މިފަދައިން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުން ފުށުއަރާ ސަރަޙައްދު ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިޓްލޮސްއިން ކުރި ހުކުމާއެކު ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާތީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަކީ ޤައުމީ ވާޖިބެއް ކަމަށް ވިދާޅުވެ ޖަމިއްޔަތުއް ސަލަފް ގެ ރައީސް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އެގޮތުން ޝެއިޚް ވިދާޅުވީ، މި ސަރުކާރުން ދަނީ ރައްޔިތުންގެ މިލްކު މުދަލަށް އެގޮތްމިގޮތް ހަދައި، ރީތިހާ ގޮތްގޮތަށް ޤައުމުގެ ސިޔާސަތާއި ސިޔާދަތާ ކުޅެން ރައްޔިތުންގެ ފައިސާއިން މުސާރަނަގަމުން ކަމަށެވެ. އަދި އެފަދައިން ޤައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިވާނީ ބޮޑެތި މުޖްރިމުން ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ.
”ރައްޔިތުންގެ މިލްކުމުދަލަށް އެގޮތްމިގޮތް ހަދަމުން، 5 އަހަރު ވަންދެން އަމިއްލަ އެދުމައިގެން ސަރުކާރުގައި ބަގުޑިބައްދަމުން، ރީތިހާގޮތްގޮތަށް ގައުމުގެ ސިޔާސަތައި ސިޔާދަތާ ކުޅެން ރައްޔިތުންގެ ފައިސާއިން މުސާރަނަގަމުން، ޤައުމާއި ރައްޔިތުންނަށް ޚިޔާނަތްތެރިވާނީ ބޮޑެތި މުޖްރިމުން.“ ޝެއިޚް ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިފައިވާތީ އިދިކޮޅު ޕީޕީީއެމްގެ އިތުރުން އެހެން ޕާޓީ ތަކުންނާއި އެމްޑީޕީގެ މެންބަރުންވެސް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މި މައްސަލައާއި ގުޅިގެން ދީނީ ޢިލްމުވެރިން ވިދާޅުވަމުންދަނީ މިޙާލަތަކީ މިސަރުކާރުގެ ވެރިން ޢަޒަލުކުރަންޖެހޭ ވަގުތުކަމަށާއި ދިފާޢީބާރުތަކަށް އެކަންކުރުން މަޖުބޫރުކަމަށެވެ.