ޚަބަރު

”ބުޅާ ފެސިލިޓީ“ ކައުންސިލުން ކުރަންމިއުޅެނީ ސަރުކާރަށް ނުވެފައޮތްކަމެއް: ޝުޖާއު

މާލެ ސިޓީ ކައުންސިލުން ބުޅާ ފެސިލިޓީ ހަދަން ނިންމީ ވަރަށް ކުޑަ ބަޖެޓެއްގައި ކަމަށާއި ކުރިން އެޗްޑީސީ އާއިއެކު ކުރެވުނު މަޝްވަރާގައި އެފަރާތުން މިކަމަށް ރާވާފައިއޮތީ ބޮޑު ބަޖެޓެއް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މާލޭގައި ބުޅާ އާލާވުން ހުއްޓުވުމަށް ފެސިލިޓީއެއް ޤާއިމުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައި ހާމަކޮށް ކައުންސިލްގެ 100 ވަނަ ރަސްމީ އާއްމު ޖަލްސާގައި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ނިންމީ މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ހަދާށެވެ.

މާލެސިޓީގެ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ވަނީ ކަނޑައަޅާފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލުން ކުރަން މިއުޅެނީ މި ސަރުކާރަށް ނުވެފައޮތް ކަމެއް ކަމަށާއި، މިއީ ހުޅުމާލެ ދާއިރާގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑުވެފައިއޮތް މައްސަލައެއް ކަމަށެވެ.

ސަރުކާރަށް ނުވެފައޮތް ކަމެއް ސިޓީ ކައުންސިލުން ކުރަން މިއުޅެނީ. މިއީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް ވަރަށް ބޮޑުވެފައޮތް ކަމެއް. ވަރަށް ބައިވަރު މައްސަލަތައް މިކަމުގެ ސަބަބުން ދިމާވޭ.

ޝުޖާއު ވިދާޅުވީ ބުޅާ ފެސިލިޓީގެ މަސައްކަތަކީ މީގެ ކުރިން އެޗްޑީސީ (އާބަންކޯ) އިން ރިސޯސަސް އާއެކު ކުރަން އުޅެވެސް ނުވެފައި އޮތްކަމެއް ކަމަށާއި، އާބަންކޯ އާއެކު އޭރުކުރެވުނު މަޝްވަރާގަ އެފަރާތުން ރާވާފައި އޮތީ ވަރަށް ބޮޑު ބަޖެޓެއް ކަމާއި، އެހެންނަމަވެސް މާލެސިޓީ ކައުންސިލުން މުވައްޒަފުންނާއި ކްލިނިކް ހިމެނޭހެން މިވަރުގެ ކުޑަ ބަޖެޓަކުން މިކަން ކުރަން ނިންމުމަކީ ހިލޭ މިކަން ކުރުން ކަމަށެވެ.

މިއީ އާބަންކޯ އިން ރިސޯސް އާއެކީގަ ކުރަން އުޅެވެސް ނުވެފަ އޮތްކަމެއް. މާލެ ސިޓީ ކައުންސިލުން މިކަން ކުރަން މިއުޅެނީ ވަރަށް ކުޑަ ބަޖެޓެއްގަ. އެޗްޑީސީ އާއެކު ކުރިން ކުރެވުނު މަޝްވަރާގަ އެފަރާތުން ރާވާފަ އޮތީ ވަރަށް ބޮޑު ބަޖެޓެއް، އެހެންވީމަ މިއީ ނިސްބަތުން ވަރަށް ކުޑަ އަދަދެއް. ސްޓާފުންނާއި އަދި ކްލިނިކާއެކު މިކަން ކުރުމަކީ މިއީ ހިލޭ ކުރުން ހަޤީޤަތުގަ. 

މާލެ ސިޓީ އަށް ދިމާވެފައޮތް އެންމެ ބޮޑު އެއް މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރާއިރު މިހާ ކުޑަ ބަޖެޓަކުން މިކަން ކުރެވޭތީ ޝުޖާއު ވަނީ ކައުންސިލްގެ އެންވަރމަންޓް ކޮމެޓީއަށް ޝުކުރު ދަންނަވާފައެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ބޭނުމަކީ މާލޭގެ މަގުތަކުގަ އުޅޭ ބުޅަލުގެ އުނދަގުލުން ސަލާމަތްވެ އަދި އެ ތަކެއްޗަކީވެސް އެހެން މީހުންނަށް އުނދަގޫ ނުވާނެގޮތަކަށް އެތަކެތީގެ މާހައުލުގަ އުޅެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުންކަމަށެވެ. އަދި މާލޭގެ ރައްޔިތުން ބޭނުންވަނީ ބުޅަލުގެ ނަޖިހުން އުފެދޭ ބަލިތަކާއި މިފަދަ ކަންކަމަށް ހައްލެއް ހޯދުން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން އަޅަން ނިންމާފައިވާ ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށެވެ. ކައުންސިލުން ނިންމާފައި ވަނީ ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށެވެ. އަދި ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރުމަށް ހަމަޖެހިފައިވާއިރު، ބުޅާ ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށާއި މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން އާންމުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ޚިދުމަތް ދޭން ނިންމާފައިވާ ކަމަށް ކައުންސިލުން ހާމަކުރިއެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button