ސަރުކާރުގެ ލަދުހަޔާތެއްހުރިނަމަ ނިޤާބްއެޅި އުޚުތުން އިޙްތިޖާޖްކުރަން ނުޖެހުނީސް: ޝެއިޚް ސައުދާން

ރައީސް އިބްރާހިމްގެ ސަރުކާރުގެ ކިރިޔާވެސް ލަދުހަޔާތެއްހުރިނަމަ މިއަދު ނިޤާބްއެޅި އުޚުތުން އިޙްތިޖާޖްކުރަން ނުޖެހުނީސް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ސައުދާން ވިދާޅުވެއްޖެއެވެ.
ސައުދާން މިފަދައިން ވިދާޅުވީ މިސަރުކާރުން މޫނުބުރުގާ އެޅި އަންހެނުންނަށް ކުރިމަތިކުރުވާ ހުރަސްތަކާއި ގުޅިގެން އެ ފަރާތްތަކުގެ ޙައްޤުގައި މިއަދު މޫނުބުރުގާ އެޅި ކަނބަލުން އިޙްތިޖާޖް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޝެއިޚްގެ ޓްވީޓްގައި ވިދާޅުވީ ފަރަގުތައް ނަންތާލާނަންކަމަށްބުނެ ވީ ވަޢުދުގައި ކޮޅުފައިންޖަހާ ނިގާބު އެޅި އުޚްތުންގެ ޙައްޤުތައް ނިގުޅައިގަތްބަޔަކަށް ދެވަނަ ދައުރެއް ނުދެވޭނެ ކަމަށެވެ. އަދި ކިރިޔާވެސް ލަދުހަޔާތެއް ހުރި ނަމަ މިއަދު އެ ކަނބަލުން އިހްތިޖާޖުކުރާކަށް ނުޖެހުނީސް ކަމަށް ޝެއިޚް ސައުދާން ގެ ޓްވީޓްގައި ވިދާޅުވިއެވެ.
ފަރަގުތައް ނަންތާލާނަންކަމަށްބުނެ ވީ ވަޢުދުގައި ކޮޅުފައިންޖަހާ ނިގާބު އެޅި އުޚްތުންގެ ޙައްޤުތައް ނިގުޅައިގަތްބަޔަކަށް ދެވަނަ ދައުރެއް ނުދެވޭނެ.
ކިރިޔާވެސް ލަދުހަޔާތެއް ހުރި ނަމަ މިއަދު އެ ކަނބަލުން އިހްތިޖާޖުކުރާކަށް ނުޖެހުނީސް. https://t.co/wNAjh8AW9B— Abdulla Saudhan 🇵🇸🇲🇻🤲 (@Saudhan) July 29, 2023
މޫނުބުރުގާ އަޅާ ކަނބަލުންގެ ދިފާޢުގައި މިއަދު ކުރިއަށްދިޔަ އިޙްތިޖާޖް ބާއްވާފައިވަނީ ޓީޗަރުންނަށް މޫނު އަޅައިގެން ކިޔަވައިދިނުން މަނާ ކުރާތީ އާއި ވަޒީފާގެ ފުރުޞަތުތަކުން އެ ކަނބަލުން މަޙުރޫމް ކުރަމުންދާތީއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އާ އުސޫލު އާންމުކޮށްފައިވާއިރު، އެ އުސޫލުގައިވަނީ މޫނުބުރުގާ އެޅުން މަނާކޮށް ކިޔަވައިދެވޭނީ ކާކުކަން އެނގޭ ގޮތަށް ކަމަށް ހިމަނާފައެވެ.
މިކަމާއިގުޅިގެން މިއަދު 16:15 ގައި ކާނިވާ ސަރަޙައްދުގައި ކުރިއަށްދިޔަ އިޙްތިޖާޖްގެ ބައިވެރިންގެ ޑިމާންޑެއްކަމަށް ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލައި ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތަޢުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމެވެ.
ސަރުކާރުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި ވެސް ހުންނަން ވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް، ސްޓާފް ކާޑު އަޅައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
މިއަދު ކުރިއަށްދިޔަ އިޙްތިޖާޖާއި ގުޅޭގޮތުން ބައިވެރިން ބުނީ މިއީ އަދި ފެށުމެއްކަމަށާއި، ސަރުކާރުން މިކަމަށް ހައްލެއް ހޯދައި ނުދެއްވައިފިނަމަ ކުރިއަށްއޮތް ތަނުގައިވެސް އެކި ހަރުފަތްތަކަށް ބަހާލައިގެން އިޙްތިޖާޖް ކުރިއަށް ގެންދާނެކަމަށެވެ.