ރާއްޖޭގައި މިހާރު ތިއްބެވި ވެރިން ޢަޒަލު ކުރުން ވާޖިބު: ޝެއިޚް އާދަމް ނިޝާން

ރާއްޖޭގައި މިހާރު ތިއްބެވި ވެރިން ޢަޒަލު ކުރަން، ދިވެހި ސިފައިންނާއި، ފުލުހުންނާއި، އެންމެހާ މުސްލިމް ރައްޔިތުންގެ މައްޗަށް ވާޖިބުވެއްޖެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ޝެއިޚް އާދަމް ނިޝާން މިދަފައިން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލައިގައި ދިވެހިސަރުކާރުން ޢަމަލުކޮށްފައިވާގޮތާއި ގުޅިގެން ކުރީގެ ބަންޑާރަނައިބުންނާއި މި މައްސަލާގައި އެއްކޮށްތިބި ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝެއިޚް ނިޝާން ވިދާޅުވީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަޔާންކޮށްދެއްވި ވާހަކަތަކުން މިޤައުމުގައި ވެރިންނަށް ތިބި ފަރާތްތަކުން، އިސްލާމްދީނަށާއި މިޤައުމަށް އެންމެ ބޮޑު ޚިޔާނާތްތެރިވެ ޣައްދާރުވެފައިވާކަން އިތުރަށް އެނގި ކަށަވަރުވެގެން ގޮސްފައިވާކަމަށެވެ.
”ނޫސްވެރިންގެ ބައްދަލުވުމުގައި ބަޔާންކޮށްދެއްވި ވާހަކަތަކުން އިތުރަށް އެނގި ކަށަވަރުވެގެން ދިޔައީ، މިޤައުމުގައި ވެރިންނަށް ތިބި ފަރާތްތަކުން، އިސްލާމްދީނަށާއި މިޤައުމަށް އެންމެ ބޮޑު ޚިޔާނާތްތެރިވެ ޣައްދާރުވެފައިވާ ކަމެވެ.“
ޗާގޯސް މައްސަލަ ސަރުކާރާ އެއްކޮޅަށް ނިމުނީ މި މައްސަލައިގައި ސަރުކާރުން ދިވެހި ޤައުމާ އެއްކޮޅަށް ވަކާލާތުނުކުރުމުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުވެސް ވަނީ ވިދާޅުވެފައެވެ. އާޒިމާގެ އިތުރުން ރާއްޖޭގެ ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު، ވިދާޅުވީ އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް ކޮންޓިނެންޓަލް ޝެލްފު ގެއްލިއްޖެ ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ވެރިކަމުގައި ނޫނީ ދަޢުލަތެއް ހިންގުމަށް ދަޢުލަތެއްގެ ދުޝަމަނުން ތިބެފައި ނެތްކަމަށެވެ.
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ދިވެހި ސަރުކާރުން ވަކާލާތު ކުރި ގޮތަށެވެ. އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލިގެންދާނެއެވެ. އިޓްލޮސް އިން މި މައްސަލަ މިގޮތަށް ނިންމި ކަމުގައިވިޔަސް އދ. އަށް އެކަން ހުށައަޅައިގެން ފާސްކޮށްގެން ނޫންގޮތަކަށް އެ މައްސަލަ ނުނިމޭނެ ކަމަށް ހާރިޖީ މާހިރުން އަންނަނީ ސަބަބުތަކާއެކު ހާމަކޮށްދެއްވަމުންނެވެ. އޭގޭ އެއް ސަބަބަކީ އިނގިރޭސީންގެ ބާރު ހިނގާ ތަނަކަށް މިހާރުވެސް އެ އަތޮޅުގެ ފޯޅަވަހި އޮތުމެވެ
ވާޖިބު ކަނޑައެޅުމުގެ ބާރު މިޝެއިޚަށް ލިބުނީ ކޮންއިރަކު…؟