މާރިޔާއާއި ރައީސުލްޖުމްހޫރިއްޔާ، އުދުހުމުގައި އެއް ފަންތިއެއްގައި!

މިދިޔަ ފެބުރުއަރީ މަހު 20އިން 24ށް، އަބޫދާބީގައި ކުރިއަށް ދިޔަ ’އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސް’ގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، އަބޫދާބީއަށް ވަޑައިގެންނެވީ ފަސްޓް ކުލާހުގައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެކި މީޑިއާތަކުން ހަބަރު ލިބޭ ގޮތުގައި ދައުލަތުގެ ވަޒީރުންގެ ދަތުރުތަކާއި ޖަލްސާތަކާއި ބައްދަލުވުންތަކަށް ފަސްޓު ކުލާހުގައި ދަތުރުކުރެއްވުމަކީ މާލިއްޔަތާބެހޭ ސާކިއުލާއާ ހިލާފުކަމެކެވެ. އެހެނީ، އުސޫލުގައިވާ ގޮތުން ރަސްމީ ދަތުރުތަކުގައި ފަސްޓު ކުލާހުގައި ދަތުރުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ވަޒީރުން ދަތުރު ކުރެއްވުމަށް ހަމަޖެހިފައި އޮންނަނީ ބިޒްނަސް ކުލާހުގައެވެ.
އެ ދަތުރުގައި މަރިޔާއާއެކު ދެން ބައިވެރިވެވަޑައިގަތީ ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދާއި ކާނަލް ހަސަން ބުޝްރީކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.