ޚަބަރުސިޔާސީ

ރައީސް ސޯލިހު ވިލިމާލެއަށް ވަޑައިގަތުމުން ރައްޔިތުން ”ގޭ ބަންދުވެއްޖެ“

އެމްޑީޕީގެ ރިޔާސީ ޕުރަމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިލިމާލެއަށް ވަޑައިގަތުމުގެ ކުރިން ވިލިމާލެގެ ބައެއް ރައްޔިތުން ގެއިން ނުނުކުމެވޭ ގޮތަށް ހެދުމުން އެމީހުން އެކަމާ ހިތްނުތަނަވެ އެމަނިކުފާނާއިމެދު ނުރުހުން ފާޅުކޮށްފިއެވެ.

ވިލިމާލެއަށް ރައީސް ވަޑައިގެން މިއަދުގެ މެންދުރުގެ ވަގުތެއްގައި ވަނީ މަދު ބަޔަކާއި ބައްދަލުކޮށްފައެވެ. ވިލިމާލެ ރައްޔިތަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ ރައީސް ސޯލިހާއި ބައްދަލުކޮށްފައިވަނީ މާލެއިން ކުރިން ގެންގޮސްފައިވާ ސަރުކާރުގެ ކުންފުނީގެ މުވައްޒަފުން ކަމުގައެވެ. އަދި ރައީސް އާއި ބައްދަލުކުރަން އައީ32 ވަރަކަށް މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ. ވިލިމާލޭގެ އާބާދީގެ އަދަދަށް ބަލާއިރު، އެއީ އެއް ޕަސެންޓަށް ވުރެވެސް މަދެވެ. ފާހަގަކުރެވޭ ގޮތުން ރައީސް ސޯލިހަށް ވިލިމާލެއިން ތާއީދެއް ނެތެވެ.

މީގެ އިތުރުން ”ބޮންތި“ އަށް މައުލޫމާތު ދިން މީހާ ބުނީ ރައީސް މިއަދު މެންދުރު ވިލިމާލެއަށް ވަޑައިގަތުމުގެ ކުރިން ފުލުހުންނާއި ސިފައިން ފޮނުވައިގެން އެމަނިކުފާނާ ދެކޮޅަށް ޝޫރު ފާޅުކޮށްފާނެ ކަމަށް ބަލައި، ބައެއް ވިލިމާލޭ ރައްޔިތުން ގެއިން ނުނުކުމެވޭ ގޮތް ހެދި ކަމުގައެވެ. އޭނާ ”ބޮންތި“ އަށް ފޮނުވި ވީޑިއޯއިން ސާފުވަނީ ވިލިމާލޭ ރައްޔިތުންނާ ރައީސް އާއި މެދު ނުތަނަވަސްކަން ބޮޑުކަމެވެ.

ފަހަކަށް އައިސް ރައީސް ކެމްޕޭނަށް ރަށް ރަށަށް ދަތުރު ފެއްޓެވުމުގެ ކުރިން ސިފައިންނާއި ފުލުހުން ކުރިން ފޮނުވާކަން ވަނީ ފާހަގަވެފައެވެ. ރައީސްގެ ފަހުގެ ދަތުރުތަކުގައި ފުލުހުން ވަނީ އެމަނިކުފާނު ކެމްޕޭނު ކުރުމަށް ބެރިކޭޑް ބަހައްޓައި، ސަރަހައްދު ބަންދުކޮށް ދީފައެވެ. އަދި ރައީސް އާ ދެކޮޅަށް އަޑު އުފުލާ މީހުން ހައްޔަރުވެސް ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button