ޚަބަރުސިޔާސީ

ނިމިދިޔަ އެމްޑީޕީ ޕްރައިމަރީ ބާތިލްކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

މިއަހަރު ޖަނަވަރީ 28 ވަނަ ދުވަހު އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ޕްރައިމަރީ އިންތިހާބު ބާތިލްކޮށް، އެ ޕާޓީގެ ރިޔާސީ ޓިކެޓު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެރުވުން ހުއްޓުވުމަށްޓަކައި، ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ ކުރީގެ ޕޮލިސް ބޯޑުގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރުކަން ކުރެއްވި ހާމިދު އަބްދުލްޢަފޫރެވެ. އަދި މި މައްސަލައިގައި ހާމިދު އަބްދުލްއަފޫރު ތަމްސީލުކުރައްވައި ވަކާލާތުކުރައްވާނީ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުކަމަށްވެއެވެ.

ޕާޓިގެ މެންބަރަކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއްކަމަށް، އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާކަމަށާއި، ނަމަވެސް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިގެން އެޕާޓީގެ 39،000 މެންބަރުން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށް އެ މައްސަލައިގެ އަސާސެއްގެ ގޮތުގައި ބުނެފައިވެއެވެ. އަދި އެ 39،000 މެންބަރުންގެ ހައްގުތައް ގެއްލޭގޮތަށް އަމަލުކޮށްފައިވާކަމަށާއި، އެ މެންބަރުންނަށް ބައިވެރިވެވޭނެފަދަ ގޮތަކަށް ޕްރައިމަރީ އިންތިހާބު އަލުން ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި، އެ މައްސަލައިގައި އެދިފައިވެއެވެ.

ހަމައެއާއެކު، ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކިގޮތެއް ނިމެންދެން، ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވައިދިނުމަށް ވަގުތީ އަމުރަކަށްވެސް ސިވިސް ކޯޓުގައި އެދިފައިވެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް ވާދަކުރައްވައިގެން ރައީސް އިބްރާހިމް އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވެއެވެ. އަދި ރައީސް އިބްރާހިމަށް ތާއީދު ކުރައްވަން މިހާތަނަށްވެސް ރައީސް ނަޝީދު އިންކާރުކުރައްވައެވެ.

އެމްޑިޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް 39 އިންސައްތަ ވޯޓު ލިބިފައިވާއިރު، ރައީސް އިބްރާހިމަށް ލިބިފައިވަނީ 61 އިންސައްތަ ވޯޓެވެ. ޕްރައިމަރީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމުން، ރައީސް ނަޝިދު ވަނީ އެމަނިކުފާނުގެ ކެމްޕެއިނުގައި ބޭނުންކުރެއްވި ޝިއާރު ކަމުގައިވާ ”ފިކުރެއްގެ ދިރުން“ ނަމުގައި ގޮފިތަކެއް ޕާޓީ ތެރެއިން އުފައްދަވައި ފެކްޝަނެއް ހިންގަވާނެކަމަށް އިއުލާނުކުރައްވައި އެ މަސައްކަތް ފައްޓާވާފައެވެ.

ރައީސް އިބްރާހިމަށް އެމްޑީޕީގެ ޓިކެޓު އެރުވުމުގެ ހަފުލާ އަންނަ ހުކުރުދުވަހު، އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވާނެކަމަށް އެމްޑީޕީއިން އޮތީ އިއުލާނުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button