މާލެސިޓީ ކައުންސިލުން ފަށާ ބަގީގެ ހިދުމަތަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފި

މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ނިންމާފައިވާ ބަގީގެ ހިދުމަތަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފިއެވެ.
ވިލިމާލެއަށް ބަގީތައް ގެންގޮސްފައިވަނީ އިއްޔެ ހަވީރުއެވެ. މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށާތީ ވިލިމާލޭގެ ރައްޔިތުންގެ ފަރާތުންވަނީ ފަރިވަޅެއް ތައްޔާރުކޮށް އަރުވާފައެވެ. ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން ދޭން ފަށާ ބަގީގެ ހިދުމަތް މިހިނގާ މާރޗް މަހުގެ 16 ވަނަ ދުވަހު ފެށިގެންދާނެއެވެ.
ޕްރައިވެޓް ހަޔަރ ފިޔަވާ ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން ކުރަމުންދާނީ އެއްވެސް އަގެއްނުނަގާ ހިލޭ ކަމުގައި މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ފިތުރު އީދަށްފަހު ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ ”ޕްރައިވެޓް ހަޔާރ“ ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:
4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.
މީގެ އިތުރުން ހަފްތާގެ ރަސްމީ ދުވަސް ތަކާއި ހަފްތާ ބަންދުގައި އަދި އެއް މަސް ދުވަހަށް ބަގީ ފާސް ހެއްދޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނެވުނު ބަގީތަކުގެ ތެރޭގައި، މުދާ އުފުލާ ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނެއެވެ. އަދި 4 ސީޓުގެ ބަގީ އާއި، 6 ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ހިމެނެއެވެ.
މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއްކަން ފާހަގަކޮށްލެވެއެވެ.