
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީޕްލޭނަކުން ކ.ގުރައިދޫއަށް މިއަދު ވަޑައިގެންނެވުމުން ރައްޔިތުންގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.
އާންމުންގެ ފާޑުކިޔުން ރައީސް ސޯލިހަށް އަމާޒުވީ ލޯންޗަކުން 45 މިނެޓުން ގުރައިދޫއަށް ދެވެން އޮއްވައި، ސީޕްލޭނަކުން ރައީސްގެ ކެމްޕެއިން ދަތުރުފުޅަކަށް އެރަށަށް ވަޑައިގެންނެވިއެވެ.
މައުލޫމާތު ލިބޭގޮތުގައި، މިހާތަނަށް ސީޕްލޭނެއްގައި އެރަށަށް، ރާއްޖޭގެ ރައީސަކު އެ ވަޑައިގެންނެވީ މުޅިން އަލަށެވެ. މިކަމާ ގުޅިގެން މީސްމީޑިއާގައި ވާހަކަދައްކާ މީހުން ބުނެފައިވަނީ ރައީސްގެ މިއަމަލުން ދޭހަވެގެންދަނީ އެމަނިކުފާނުގެ ބޮޑާކަމާއި ކިބުރުވެރިކަން ކަމަށެވެ.
”އެއާޕޯޓަށްގޮސް ސީޕްލޭނެއްގައި ގުރައިދޫއަށް ދިޔުމަށްވުރެ ގައިމުވެސް އަވަސްވެސް ވާނީ ލޯންޗެއްގައި ދިޔުމުން“ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ޓްވީޓު ކުރައްވާފައިވެއެވެ.
ކެމްޕެއިން ދަތުރުތައް ކުރައްވާއިރު، ސަރުކާރުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރައްވާކަމަށް ބުނެ މީހުންގެ ފާޑުކިޔުންތައް މިހާރުވެސް ރައީސް ސޯލިހަށް އަމާޒުވެފައިވާއިރު، މިއަދު ސީޕްލޭނެއްގައި ގުރައިދޫއަށް ކެމްޕެއިން ދަތުރުކުރައްވާފައިވަނީ ދައުލަތުގެ ބަޖެޓުންކަމެއް ނުވަތަ ނޫންކަމެއްވެސް ސާފެއް ނުވެއެވެ. ރައީސް ވަނީ މީގެ ކުރިންވެސް ރިޔާސީ ލޯންޗުކޮޅުގައި ހުންނަ ދައުލަތުގެ ނިޝާންގެ މަތީ ޕެޗު އަޅައިގެން އަމިއްލަފުޅު ދަތުރު ކުރައްވާފައެވެ. .