ޚަބަރުސިޔާސީ

ރައީސް ސާލިހުގެ ތާއީދު ފޯމު ފުރުމުގެ ހަރަކާތްތައް ސަރުކާރުގެ އޮފީސްތަކުގެ ތެރޭގައި ކުރިއަށްގެންދަނީ

ރައީސް ސާލިހުގެ ތާއީދު ފޯމުތައް ފުރުމުގެ މަސައްކަތް ސަރުކާރު އޮފީސްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ހާމަވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އަންނަ އަހަރު ޖަނަވަރީގައި އެމްޑީޕީއިން ކުރިއަށް ގެންދާ ޕްރައިމަރީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކެމްޕެއިން ހަރަކާތްތައް ސަރުކާރުގެ އިދާރާތަކުގައި ކުރިއަށް ގެންދަން ފަށައިފިއެވެ. މިގޮތުން ރައީސް ސާލިހުގެ ތާއީދު ފޯމު ފުރުމުގެ ހަރަކާތް ބައެއް މިނިސްޓްރީތަކުގައި ކުރަމުން އެބަދެއެވެ.

މިހަރަކާތުގެ ފޮޓޯތައް މިހާރު މީސްމީޑިއާގައި އާންމުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ތިން ބޭފުޅަކު ރައީސް ސާލިހުގެ ތާއީދު ފޯމުގައި ސޮއިކުރައްވާފައިވެއެވެ. އެއީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢާލިބް ސަލީމް، އައިޝަތު ވަހީދު އަދި ޝާދިޔާ އާދަމެވެ. ސަރުކާރުގެ އޮފީސްތަކުގައި މީގެކުރިން މިފަދަ ސިޔާސީ ހަރަކާތްތައް ހިންގާފައިނުވެއެވެ. އޮފީހުގެ ރަސްމީ ގަޑީގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާތީ، އެކަމުގެ ޝަކުވާ އެ އޮފީސްތަކުގެ މުވައްޒަފުން ކުރާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ސާލިހުގެ ކެމްޕެއިންގެ ހަރަކާތްތައް ސަރުކާރުގެ ވަސީލަތްތަކާއި އޮފީސްތައް ބޭނުންކޮށްގެން ކުރާއިރު، ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައްވެސް ވަނީ ފަށާފައެވެ. ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވަނީ އެމްޑީ ހަރުގެ ކައިރިންނެވެ.

އަންނަ އަހަރު ޖަނަވަރީގައި އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވާއިރު، ވެރިކަމުގައި ހުންނަވާ ވެރިއަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރައްވާތަން ދިވެހިންނަށް މިފެންނަނީ އަލަށެވެ. މި ޕްރައިމަރީގައި ވާދަކުރެއްވާތީ، ރައީސް ސާލިހްގެ ކެމްޕެއިންގެ ހަރަކާތްތައް އާންމު ތަންތަނުގައި އާންމުން ލައްވާ ތާއީދު ފޯމު ފުރުވައިގެންވެސް ކުރިއަށް އެބަ ގެންދެއެވެ. އަދި ރައީސް ސާލިހްވަނީ އެމްޑީޕީގެ އެންމެ އިސް ވެރިންނާވެސް ބައްދަލުކުރައްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button