ވީއައިއޭގެ އިންޝުއަރަންސް ކޮރަޕްޝަން ހިންދުސްތާންގެ ކުންފުންޏަކަށް ފައިދާވާގޮތަށް!
އިންޝުއަރަންސް ނެގުމުގައި ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ބޮޑު ޙިޔާނާތުގެ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން ފަޅާއަރާފިއެވެ.
މުޅި ހިޔާނާތަށް ބަލާއިރުގައި، މި ޖަރީމާ ހިންގާފައިވަނީ އިންޑިއާގެ ކުންފުންޏަކަށް ލިބެނުޖެހޭ ނާޖާއިޒު މަންފާތަކެއް ހޯދާއިދިނުމުގެ ބޭނުމުގައެވެ. ދައުލަތުގެ ބޮޑު ދެ ކުންފުނިކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެލައިޑް އިންޝުއަރޭންސް ބައިވެރިވެގެން ހިންގާފައިވާ ޖަރީމާގެ އަމަލެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިގޮތުން، 2023 ވަނަ އަހަރަށާއި 2024 ވަނަ އަހަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްސް ކުންފުނީގެ އިންޝުއަރެންސް ކަންކަން ބަލަހައްޓާނެ ކުންފުންޏެއް ހޯދުމަށް އިއުލާނުކުރުމުން 10 ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލާފައިވާކަން ފާހަގަކުރެވެއެވެ. އަދި ކުރިމަތިލީ ކުންފުނިތަކުގެ ތެރޭގައި މީގެ ކުރިންވެސް ވީއައިއޭގެ އިންޝުއަރެންސް ކަންކަން މެނޭޖުކުރި ކުންފުނިތައް ހިމެނެއެވެ.
އަގު ހުށަހަޅަން ހުޅުވާލާފައިވަނީ 4 ބާވަތެއްގެ އިންޝުއަރަންސް ހޯދުމަށެވެ. އެގޮތުން 4 ކުންފުންޏަކުން އޯލް ރިސްކަސް އެންޑް ބިޒްނަސް އިންޓްރަޕްޝަން އިންޝުއަރެންސް ފޯރުކޮށްދޭން އަގު ހުށަހަޅާފައިވެއެވެ. ފަސް ފަރާތަކުން އެއާޕޯޓު އޭވިއޭޝަން ލައިބިލިޓީ އިންޝުއަރަންސް ފޯރުކޮށްފިނުމަށް އަގު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، 4 ފަރާތަކުން ޓެރަރިޒަމް އިންޝުއަރޭޝަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާއިރު 3 ފަރާތަކުންވަނީ ސައިބާ އިންޝުއަރޭންސް ފޯރުކޮށްފިނުމަށް އަގު ހުށަހަޅާފައެވެ. އެއިން އެއްވެސް ދާއިރާއަކުން އިންޝުއަރޭންސް ފޯރުކޮށްދިނުމަށް އެލައިޑުން އަގު ހުށަހަޅާފައި ނެތެވެ.
މުޅި ޓެންޑާ މަރުހަލާ ހުއްޓުމަކަށް އެމްއޭސީއެލުން ބީލަމަށް ގެނެސްފައިވަނީ ބީލަން ކަރުދާހުގެ 10.10 ވަނަ މާއްދާއިން އެމްއޭސީއެލަށް ބީލަން ބާތިލުކުރުމަށް ލިބިދޭ އިހްތިޔާރުގެ ބޭނުން ހިފައިގެންނެއެވެ. ޓެންޑާއަށް ކުރިމަތިލި ފަރާތްތަކަށް އެކަން އަންގާފައިވަނީ 12 ޑިސެންބަރު 2022 ވަނަ ދުވަހުގައެވެ.
މި ޓެންޑާ ހުއްޓުވާލާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އެލައިޑް އިންޝުއަރެންސް އާއިއެވެ.
އެލައިޑާއި އެކުގައި އެމްއޭސީއެލް އިން މަޝްވަރާތަކެއް ކުރިއަށް ގެންގޮސް، ޓެންޑާ ބާތިލުކުރިތާ އެއްދުވަސްފަހުން ޑިސެމްބަރު 13 ވަނަ ދުވަހު އެމްއޭސީއެލުންވަނީ އިންޝުއަރޭޝަންގެ މަސައްކަތް އެލައިޑާ ހަވާލުކުރިކަން އަންގައި “ ލެޓާ އޮފް އެޕޮއިންޓްމަންޓް“ އެއް ފޮނުވާފައެވެ. އެ ސިޓީއިންވެސް ޓެންޑާ ބާތިލުކޮށް އެލައިޑްއާ މަސައްކަތް ހަވާލުކުރުމުގެ ކުރިން ދެ ކުންފުނީގެ މެދުގައި ބައްދަލުވުންތަކެއް ހިނގިކަން ދައްކުވައިދެއެވެ.
އެމްއޭސީއެލް އުން މި ބައްދަލުވުންތަކަށް ފަހުގައި ނިންމާފައިވަނީ ބީލަމަށް އަގު ހުށަހަޅާފައިނުވާ އެލައިޑަށް ހުރިހާ ބާވަތެއްގެ އިންޝުއަރެންސް ހަވާލުކުރުމަށާއި އެ ސިޓީގައި ބުނެފައިވާ ގޮތުން އެހެން އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް ރީ އިންޝުއަރެންސް އަދި އިންޝުއަރެންސް ގެ ހިދުމަތް ހޯދުމުގެ ބާރު އެލައިޑަށް އޮންނާނެކަމަށެވެ.
މި ޖަރީމާ ހިނގައިދިޔަގޮތުގެ މައުލުމާތު ނޫސްމަޖައްލާއެއް ކަމަށްވާ ”ދިޔަރެސް“ އަށް ދެއްވަމުން އެ ބޭފުޅާ ވިދާޅުވެފައިވަނީ ބީލަމުގައި ރަޖިސްޓްރީވުމަށް ފަހު އެލައިޑުން އަގު ހުށަނާޅައި ބީލަމާއި ޓެންޑާގެ އުސޫލުތަކުގެ ބޭރުން މި މަޝްރޫޢު ހޯދީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓާ މަހުޖޫބު ޝުޖާއާ ހެދި ޑީލެއްގެ ތެރެއިން ކަމަށެވެ. ޓެންޑާ އެކި ބާތިލުކޮށް އިއުލާނުކުރުމެއް ނެތި އެލައިޑަށް މަސައްކަތް ހަވާލުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީވެސް އޭނާ ކަމުގައި ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެ ނޫހަށް އިންޓަވިއު ދިން ބޭފުޅާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް، މިކަމާއި ގުޅޭގޮތުން މައުލުމާތު އެނގިވަޑައިގަންވާ ބޭފުޅަކު ވިދާލުވި ގޮތުގައި އެއާޕޯޓަކީ އެތަށް ބިލިއަން ޑޮލަރުގެ އަގުހުރި އެސެޓަކަށްވާތީ ރާއްޖޭގެ އެއްވެސް އިންޝުއަރެންސް ކުންފުންޏަކަށް ބޭނުންވާ މިންވަރަށް އަމިއްލައަށް ރީއިންޝުއަރެންސް ހަމަނުޖެއްސޭކަމަށެވެ. އެހެންކަމުން ކުރިންވެސް އެކަން ކުންފުނިތަކުން ހަމަޖައްސަނީ ބޭރުގެ ބޮޑެތި އިންޝުއަރޭންސް ބްރޯކަރުން މެދުވެރިކޮށްކަމަށެވެ.
ބޮޑެތި ބޭރުގެ ވަރުގަދަ އިންޝުއަރޭންސް ކުންފުނިތައް ކަމަށްވާ މާރޝް އަދި ލޮކްޓިން ކޮންޕެނީޒް އެލްއެލްޕީ ފަދަ ކުންފުނިތައް މެދުވެރިކޮށް އާންމު ގޮތެއްގައި މިފަދަ ބޮޑެތި އިންޝުއަރަންސް ފޯރުކޮށްދެއެވެ. މި ދެ ކުންފުންޏަކީ ޒަމާނުއްސުރެ ދިވެހި އިންޝުއަރޭންސް ކުންފުނިތަކާ ޑައިރެކްޓް ކޮންޓެކްޓް އޮތް ކުންފުނިތަކެވެ. އެލައިޑާވެސް އެ ކުންފުނިތަކާ ސީދާ ގުލުން އޮންނަކަން އެލައިޑުގެ ކުރީގެ އިސްވެރިޔެއް ވަނީ ކަށަވަރުކޮށްދީފައެވެ.
އެލައިޑުންވަނީ ތިންވަނަ ފަރާތެއް މި މުއާމަލާތުގެ ތެރެއަށް ވައްދާފައެވެއެ.
އެލައިޑަށް އިންޝުއަރޭންސްގެ މަސައްކަތް ހަވާލުކުރިކަން އެމްއޭސީއެލުން އެންގި ދުވަސްކަމަށްވާ ޑިސެމްބަރު 13 ވަނަ ދުވަހުގައި އިންޑިއާގެ ޖޭބީ ބޯޑާ އިންޝުއަރޭންސް އެންޑް ރީއިންޝުއަރޭންސް ބްރީކޯޒް ޕވޓ ލޓޑ ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ލޮކްޓައުން އިންޝުއަރޭންސް އާއި ރީއިންޝުއަރޭންސް ބްރޯކަރެއްގެ ގޮތުގައި އައްޔަންކުރިކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވެފައިވަނީ ޓެންޑާ ބާތިލުކުރިކަން އެންގިތާ އެއް ދުވަސްފަހުން އެލައިޑާ އިންޝުއަރޭންސްގެ މަސައްކަތް ހަވާލުކޮށް ހަމަ އެ ދުވަހު ޖޭބީ ބޯޑާ މެދުވެރިކޮށް ލޮކްޓްއުން އައްޔަންކުރުމުން މި ހުރިހާ ކަމެއް ހިނގާފައިވަނީ ރޭވިގެންކަން އެނގޭކަމަށެވެ.
އަދި ލޮކްޓައުނަކީ ދިވެހި އިންޝުއަރޭންސް ކުންފުނިތަކުން އިތުރު މެދުވެރިއަކާ ނުލައި ސީދާ މުއާމަލާތްކުރާ ކުންފުންޏެއްކަން އެމްއޭސީއެލްއަށްވެސް އެނގޭނެއެވެ. ސަބަބަކީ ކުރިން އެ ކުންފުންޏަށް އިންޝުއަރެންސް ހިދުމަތް ދިން ދިވެހި ކުންފުނިތަކުން މެދުވެރިއެއް ނެތި ލޮކްޓައުން އިންޝުއަރޭންސް އަދި ރިއިންޝުއަރޭންސް ބްރޯކާއަކަށް އައްޔަންކޮފައިވުމެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތަކުން މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކާއެކު ވަނީ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނަށްވަނީ ހުށަހަޅާފައެވެ.
އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި، ސީދާ ލޮކްޓައުނާ މުއާމަލާތްނުކޮށް އިތުރު ފަރާތެއް މެދުވެރިކުރުމުން ލިބޭ ގެއްލުމަށްވެސް ރިއާޔަތްނުކޮށް އިންޝުއަރެންސްގެ މަސައްކަތް އެލައިޑާ ހަވާލުކުރީ ކޮރަޕްޝަނުގެ ތެރެއިން ކަމަށް ތުހުމަތުވެއެވެ.