
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން ޑިއުޓީ ކުރިއަށް އޮތް ދެމަސް ތެރޭގައި ކަނޑާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި މަހުން ޑިއުޓީ ކަނޑާލަން އިނގިރޭސި ސަރުކާރުން ނިންމިކަމަށް އެމަނިކުފާނު އަރިހު ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެރި އިނގިރޭސި ސަރުކާރު ވެރިންތަކެއް ކަމަށެވެ. އަދި ލަސްވެގެން 2 މަސް ތެރޭގައި ޑިއުޓީ ކަނޑާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިހެން ނަޝީދު ވިދާޅުވިނަމަވެސް އަދި ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރުކޮށް ނުދެއެވެ.
ރާއްޖެއިން އިނގިރޭސިވިލާތާއި ޔޫރަފުގެ ގައުމުތަކަށް މިހާރު ބޭރުކުރާ ކުރާ މަހަށް 24 އިންސައްތަ ޑިއުޓީ ނަގައެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ލިބެނީ ވަރަށް ކުޑަ ފައިދާއެކެވެ. އީޔޫގެ ގައުމުތަކާއި އެކު ތަކުރާރުކޮށް ޑިއުޓީ ކުޑަކުރުމަށް މަޝްވަރާ ކުރެވުނު ނަމަވެސް އީޔޫ ވަނީ ރާއްޖޭގައި ދީނީ މިނިވަންކަން ނުދޭހާ ހިނދަކު ޑިއުޓީ ކުޑަ ނުކުރާނެ ކަމަށް ބުނެފައެވެ.
އީޔޫގެ ގައުމަކަށް އިނގިރޭސިވިލާތް މިހާރު ނުވާތީ، އެ ޑިއުޓީ ކަނޑާ ދިނުމަށް ސަރުކާރުން މީގެކުރިންވެސް ވަނީ އިނގިރޭސިވިލާތުގައި އެދިފައެވެ.