2023 އިން ފެށިގެން ވަކީލުންނާއި ލޯ ކިޔަވައިދޭ ތަންތަނުން ފީއެއް ނަގަން ހުށަހަޅައިފި

2023 ވަނަ އަހަރުން ފެށިގެން، ގާނޫނު ކިޔަވައިދޭ ތަންތަނުންނާއި ގާނޫނީ ވަކީލުންގެ އަތުން ފީއެއް ނެގުމަށް ބަކައުންސިލުން ހުށައަޅައިފިއެވެ.
ބާ ކައުންސިލަކީ އެ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ނުވަތަ އިތުރަށް އާމްދަނީ ހޯދުމަށްޓަކައި، ފީތަކެއް ނެގުމުގެ ބާރު ލިބިގެންވާ ކައުންސިލެކެވެ. ވަކީލުންނާއި ލޯ ކިޔަވައިދޭ ތަންތަނުން ފީތަކެއް ނެގުމާމެދު ހިޔާލަށް އެދި ހުޅުވާލާފައިވަނީ ދައުލަތުގެ ބަޖެޓުން އެ ކައުންސިލަށް ލިބޭ ފައިސާއިން އެ ކައުންސިލްގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުކުރެވޭތީކަމަށް އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.
މިފަދަ ފީއެއް ނެގުމުގެ ބާރު ބާ ކައުންސިލަށް ލިބިފައިވީނަމަވެސް، ވަކީލުންގެ ލައިސަންސް އާ ކުރުމަށް ނަގާ ފީ ނެގެން އޮތީ 2024 ވަނަ އަހަރުގެ ފަހުންކަމަށް މައުލޫމާތު ލިބެއެވެ. މިގޮތަށް މިކަން ކުރުމަށްޓަކައި ބާ ކައުންސިލުންވަނީ އަހަރަކު އެއް ފަހަރު ވަކީލުންގެ ލައިސަންސް އާކުރަން ޖެހޭގޮތަށް ހަމަޖައްސާފައެވެ. އެފަދައިން އަމަލު ކުރަން ފަށާނެކަމަށް މައުލޫމާތު ލިބެނީ 2024 ގެ ޖޫން އިން ފެށިގެންނެވެ. ވަކީލުންގެ ލައިސަންސް އާކުރާއިރު 3000ރ އާއި 7000ރ ގެ އަދަދެއް އެކަމަށް ނަގާނެއެވެ.
ބާ ކައުންސިލުން، ވަކީލުންނާއި ލޯ ކިޔަވައިދޭ ތަންތަނުގެ ނަގެމަށް ވިސްނަމުންދާ ފީ، ނަގަން ހަމަޖައްސައިފިނަމަ، ދައުލަތުގެ ބަޖެޓުގެ އިތުރުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ، އެ ކައުންސިލުގެ އާމްދަނީ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.
ބާ ކައުންސިލުން ވަކީލުންނާއި ލޯ ކިޔަވައިދޭ ތަންތަނުން ފީ ނަގަން ހުށަހަޅާފައިވާ ގޮތް:
- ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދައަށް އެދޭނަމަ 6،000ރ
- ހައިކޯޓުގައި ވާކާލާތުކުރުމުގެ ހުއްދައަށް އެދޭނަމަ 4،000ރ
- ލޯފާމްގެ ރަޖިސްޓްރީ އަށާއި އަހަރީ ފީއަށް އަހަރަކު 3،000ރ
- ގާނޫނު ކިޔަވައިދޭ ތަންތަނުގެ ސިލަބަސް އެޕްރޫވް ކުރުމަށް 50،000ރ
- ގާނޫނު ކިޔަވައިދޭ ތަންތަނުގެ ސިލަބަސް އަލުން އެޕްރޫވްކުރުމަށް 50.000ރ
- ރާއްޖޭން ބޭރުގެ ވަކީލުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރަން ދިއުމަށް އެދޭ ކޮންމެ މައްސަލައަކަށް 20،000ރ
- ރާއްޖޭން ބޭރުގެ ވަކީލުން ހައި ކޯޓުގައި ވާކާލާތުކުރަން ދިއުމަށް އެދޭ ކޮންމެ މައްސަލައަކަށް 20،000ރ
- ރާއްޖޭން ބޭރުގެ ވަކީލުން ދަށު ކޯޓުތަކުގައި ވަކާލާތުކުރަން ދިއުމަށް އެދޭ ކޮންމެ މައްސަލައަކަށް 20،000ރ
- ވަކީލުންގެ ލައިސަންސް ގެއްލިގެން އާކުރާ ކޮންމެ ފަހަރަކު 500ރ
- ވަކީލުންގެ ކާޑު ހައްދައި ނުވަތަ އާކުރާ ކޮންމެ ފަހަރަކު 500ރ އަދި
- ޕަބްލިކް ނޯޓަރީގެ ހިދުމަތާ ގުޅޭ ލައިސަންސް ހޯދައި ނުވަތަ އާ ކުރަން އަހަރަކު 2500ރ