ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނައުމަށް އައިއެމްއެފްއިން ދިވެހި ސަރުކާރަށް ގޮވާލައިފި

ފައިސާ ޗާޕްކުރުން ހުއްޓާލުމަށް އައިއެމްއެފްއިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ދިވެހިރާއްޖޭގެ ސަރުކާރާއެކު ހެދި އެގްޒެކެޓިވް ބޯޑުގެ ކޮންސަލްޓޭޝަން ނިންމުމަށްފަހު ނެރުނު ބަޔާނުގައި ދިވެހި ރާއްޖޭގެ ސަރުކާރަށް، ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
އައިއެމްއެފްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނުގައިވާ ބުނެފައިވާގޮތުން ރާއްޖޭގެ އިންފްލޭޝަން ކޮންޓްރޯލްކޮށް ފައިސާގެ އަގު ދަށްވެނުދީ ހިފަހައްޓައި، އިންފްލޭޝަންގެ ސަބަބުން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފެލުމުންދާ ދިއުން ސަރުކާރުން ހުއްޓުވަން އެބަޖެހެއެވެ. މިކަން ކުރެވޭނީ މަރުކަޒީ ބޭންކުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ސަރުކާރުން ފައިސާ ޗާޕުކުރަމުން ދާއިރު، އެމްއެމްއޭގެ އިގްތިސާދުގެ ތެރެއަށް މިގޮތަށް ފައިސާ ބޭރުކުރުމުން އެންމެ ފުރަތަމަވެސް ސަރުކާރުން ބުނީ އެއް އަހަރު ތެރޭގައި އެފައިސާ އަލުން ދައްކާނެކަމަށެވެ. ނަމަވެސް އޭގެ ފަހުންވެސް ފައިސާ އިތުރަށް ޗާޕުކޮށްފައިވާއިރު، އެފައިސާ އަލުން ދައްކަން އެމްއެމްއޭއިން ސަރުކާރަށް ދެންނެވުމުން، އެ ފައިސާ މާފުކޮށްދޭން އެމްއެމްއޭގެ ކިބައިން ސަރުކާރުން އެދެނު ކަމަށް މައުލޫމާތު ލިބެއެބެ.
މިގޮތަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފަހައްޓުމަށްޓަކައި، ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވް ބޭނުންކުރަން ޖެހިފައިވެއެވެ. މި އަހަރު އޮކްޓޫބަރު މަސް ނިމުނުއިރު، ރިޒާވްގައި ހުރީ 105 މިލިއަން ޑޮލަރެވެ. މިއަހަރު ނޮވެންބަރު މަހު ސަރުކާރުންވަނީ އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. އެއީ ރިޒާވް ހުސްވެ ރާއްޖެއަށް އެކަމުގެ އަސަރުކޮށްފާނެކަމުގެ ބިރު ބޮޑުވެފައިވާތީއެވެ.